އާއިލާއަށް ފިލި ކަމަށް ބުނާ ދިވެހި ކުއްޖާގެ ވާހަކަ: އަހަރެން ނުފިލަމެވެ. ލިބުނު ވޭނަށް ކެތް ނުކުރެވުނީ އެވެ. !

ނޯޓް: މިއީ އާއިލާއަށް ފިލާފައިވާކަމަށްބުނެ، ފުލުހުން ހޯދަން ރިޕޯޓް ކުރި އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އެކުއްޖާ މި ވާހަކާ އާއްމުކޮށްފައިވަނީ ފޭސްބުކްގަ އެވެ. މި އާޓިކަލް ނޫހުން ނަގަން، އެކުއްޖާ އެދި...

04 Nov 2017 | 02:35

ނޯޓް: މިއީ އާއިލާއަށް ފިލާފައިވާކަމަށްބުނެ، ފުލުހުން ހޯދަން ރިޕޯޓް ކުރި އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އެކުއްޖާ މި ވާހަކާ އާއްމުކޮށްފައިވަނީ ފޭސްބުކްގަ އެވެ. މި އާޓިކަލް ނޫހުން ނަގަން، އެކުއްޖާ އެދިއްޖެ ހާލަތެއްގައި މި އާޓިކަލް ނޫހުން ނަގާނަމެވެ.

ތިރީގައި އެވަނީ  އެކުއްޖާ ފޭސްބުކްގައި ލިޔެފައިވާ ލިޔުމުގެ ތަރުޖަމާ އެކެވެ.

****

ބޮޑު ހިތްތަކުގެ ވެރިންނަށާއި އަހަރެންދެކެ ލޯބިވާ މީހުންނަށް މި ޕޯސްޓް ހާއްސަ ކުރަމެވެ.

ދުނިޔެއައަށް އައީއްސުރެ އަހަންނަށް އިވެމުންދަނީ ހަމަނުޖެހުމާއި ޒުވާބުގެ އަޑެވެ. އެ މަންޒަރެވެ. މަންމައާއި ބައްޕަ އަދި އާއިލާގެ ތަޅާފޮޅުންތައް ގިނަ ކަމުން ފުލުހުންގެ ވެހިކަލް އަކީ އަހަރެމެންގެ ގެއަށް އަބަދުމެ ޒިޔާރަތްކުރާ އެއްޗަކަށް އޮންނަނީ ވެފަ އެވެ. އުމުރުން އެންމެ ފަސް އަހަރުގައި އަހަރެން ބަނޑު އަޅާވިހެއި މަންމަ ވަނީ ނިޔާވެފަ އެވެ. އަދި އުމުރުން ހަތް އަހަރުން (ގްރޭޑް 1)އިން ފެށިގެން ގްރޭޑް 10 އަހަރު ވާންދެން އަހަރެން ހޭދަކުރީ ދޮން މަންމައަކާއި އެކުގަ އެވެ.

ދޮން މަންމަވެސް ހޭދަކުރަމުންދިޔައީ އުފާވެރި ދިރިއުޅުމެއް ނޫނެވެ. ދޮން މަންމަވެސް ދިޔައީ ބަހުގެ ހަމަލާތަކާއި އެކި ހަމަލާތަކުގެ ޝިކާރައަކަށް ވަމުންނެވެ. އެކަންކަން ހިނގަމުންދިޔައީ އަހަރެންގެ ލޯމަތީގަ އެވެ.

އަނެއްކާވެސް ބައްޕަ އެހެން ކައިވެންޏެއްކުރަން އަހަރެންގެ ދޮން މަންމައާއި އަހަރެން ވަކި ކުރަން ނިންމުމުން. އަހަރެންގެ ދޮން މަންމަ ކޯޓަށް ގޮސް ވަރިވި އެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް ދިހައެއްގަ އެވެ.

ދޮން މަންމައާއި ވަކިން ގެންދިޔަ ފަހުން އަހަރެން ތަހަންމަލު ކުރަމުންދިޔައީ، އަހަންނާއި ދިމާއަށް ހަޅޭއް ލެވުމާއި އަނިޔާ އެވެ. ފުރައްސާރައާއި އާއިލީ ތަޅާފޮޅުންތަކެވެ. ބައްޕަގެ އާއިލާ މެމްބަރުންގެ މެދުގައި ވަޅީގެ ހަމަލާތަކެވެ. އަނެއްކާވެސް ފުލުހުންގެ ވެހިކަލަކީ އަހަރެމެންގެ ގޭދޮށަށް އާއްމު މެހެމާނަކަށް ވެއްޖެ އެވެ.

އަހަރެންގެ އުމުރަކީ 17 އަހަރެވެ. ކެތް ނުކުރެވިގެން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް އެއް ރެއަކު ދިޔައީ އަމިއްލަ އަކަށެވެ. އެ ރޭ ދިމާވި ހާދިސާއަކާއި ގުޅިގެންނެވެ. އެތަނަށް ގޮސް އަހަރެން ހަޔާތުގައި ތަހަންމަލު ކުރަމުން މި އަންނަ ކަންކަން އެމީހުންންނަށް (ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން އެޖެންސީ) އަށް ކިޔާދިނީމެވެ.

އެމީހުން އަހަރެންގެ ބައްޕައަށް ގުޅިއެވެ. އަދި މައްސަލަ ހައްލު ކުރުމަށް ބައްޕަ އަށް ނަސޭހަތްތެރިވި އެވެ. އަދި ބައްޕަ ހޭލުންތެރި ކުރުމަށް އެމީހުން މަސައްކަތް ކުރި އެވެ. އެހެނަސް އެ ބަދަލު ބަލައިގަންނަ ވަރަށްވުރެ ބައްޕަ މާ ބޯހަރެވެ. ބައްޕަ ދެކޭގޮތުގައި ބައްޕަ ކަންތައް އެކުރަނީ ރަނގަޅަށެވެ.

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން އަހަރެން ގެއަށް ފޮނުވައިލެވެނެވެ. ދެން އަހަރެން ކުރިމަތިލާން ޖެހުނީ ކުރިއަށްވުރެ ބޮޑެތި ކަންތައްތަކާއެވެ. ހަމަ ކޮންމެ ދުވަހަކު އަހަންނާއި ދިމާއަށް ބާރަށް ހަޅޭއް ލަވަ އެވެ. އެހެން މީހުންގެ ކުރިމަތީގައި އަހަރެން އަގުވައްޓާލަ އެވެ...... އަހަރެން ބައްޕަ ދެކެ އަދިވެސް ލޯބި ވަމެވެ. ނަމަވެސް އަހަންނާއިމެދު ކަންތައް ކުރި ގޮތާއިމެދަކު ނޫނެވެ.

އަނެއްކާވެސް ރިޕޯޓް ކޮށްފީމެވެ. ރިޕޯޓް ކުރީ އަމިއްލައަށް މަރުވުމުގެ ހިޔާލު އަންނަން ފެށުމުންނެވެ. ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން އަހަރެންގެ ބައްޕަގެ ގާތު އަންނަން އެދުމުން އަހަރެންގެ ބައްޕަ މިފަހަރު އެކަމަށް އިންކާރު ކުރީ އެވެ. އާއިލާގެ އެހެން މެމްބަރަކުވެސް އަހަންނާ ހަވާލުވާކަށް ބޭނުމެއް ނުވި އެވެ. ބައްޕަ ދެކެ އެމީޙުން ބިރު ގަންނާތީ އެވެ.

އެންމެ ފަހުން، ހަވާލުވާނެ މީހަކު ނެތިގެން އަހަރެން ލީ ކުޑަކުދިންގެ ހިޔާ އަށެވެ. އެހެނަސް ހަފްތާއެއް ފަހުން އަހަރެން އަނބުރާ ގެއަށް ގެންދިޔަ އެވެ. އާއިލާ މެމްބަރުން ބޭވަފާތެރި ވެއްޖެ ކަމުގެ އިހުސާސެއް ކުރެވުނެވެ.

އަހަރެންގެ މަންމަ މަތިން ވަރަށް ހަނދާން ވެ އެވެ. އަހަންނާއި އެއް ބަނޑު ބޭބެއަކު އަހަރެންގެ ހިމާޔަތުގައި ނިކުތީ ދިރިއުޅުމުގައި ގޮތް ހުސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ބޭބެގާތު އާދޭހަށް އެދި ރުއިމުން، ބޭބެ އަހަރެން، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގެންދިޔަ އެވެ. އަހަރެން ދިރިހުރުމަށް އެހީވެދިނީ މަދު ބައެކެވެ.

އަހަރެންގެ ބޭބެ އަދި އަހަރެން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ދިޔައީ ބޭބެ އަހަރެންނާ ހަވާލުވެ އަހަރެންގެ ބަލަދުވެރިއަކަށް ވާން ބޭނުން ކަމުގެ ރިޕޯޓް ކުރުމަށެވެ. ބޭބެ އެގޮތަށް ނިންމީ އަހަރެން ތަހަންމަލް މި ކުރަމުންދާ ވޭނަށް ނިމުމެއް ގެނެސްދިނުމަށެވެ.

އަހަރެންގެ ބޭބެ އަހަރެންގެ ބަލަދުވެރިކަމާ ހަވާލުވާން ބޭނުންވިކަން ބައްޕައަށް އެނގުމުން އަހަރެންގެ ފޮޓޯ އާއްމު ކުރީ އެވެ. އިތުރަށް ބަދުނާމު ކުރީ އެވެ. (ބެލެވޭ ގޮތުގައި މިއީ ފުލުސް އޮފީހަށް، މި ކުއްޖާ ފިލައިފިކަން ރިޕޯޓް ކުރި ކަމުގެ ވާހަކަ އެވެ.)

އަހަރެން ތަހަންމަލު ކުރި ވޭންތަކާއި ލިބުނު އަނިޔާގެ ހިސާބު ފުލުހުންނަށް އަހަރެން މިހާރު ވާނީ ކިޔައިދީފަ އެވެ. އެ ހުރިހާ ތަފްސީލެއް މިތާ ލިޔާކަށް ނެތީމެވެ.

އަލްހަމްދުލިﷲ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑީޕާޓްމެންޓާއި ޖެންޑަރ މިނިސްޓްރީ އިން އިއްޔެ ވަނީ އަހަރެން ރަސްމީކޮށް އަހަރެންގެ ބޭބެއާއި ހަވާލު ކޮށްފަ އެވެ. ބައްޕަ އަހަރެން ބޭނުންތޯ އެންމެ ފަހު ވަގުތުވެސް ފުލުހުން ބައްޕަ ގާތު އެހި އެވެ. އެހެނަސް ބައްޕަ އަހަންނާއި ހަވާލުވާން ބޭނުންވީ ސަރުތަކާއި އެކުގަ އެވެ.

އަހަރެން ވަޒީފާއަކަށް ދިޔަ ނުދޭނެ ކަމުގެ ސަރުތެވެ. ކިޔެވިޔަ ނުދޭނެ ކަމުގެ ސަރުތެވެ. އަހަރެން ނުކިޔަވާތާ ދެ އަހަރު ވީ އެވެ. އަހަރެން ފޯނު ގެންގުޅުނަ ނުދޭނޭ ކަމުގެ ސަރުތެވެ. އެހެންމީހަކާ ވާހަކަ ދެއްކިޔަ ނުދޭނޭ ކަމުގެ ސަރުތެވެ.

އެންމެ ފަހުން ހުރިހާ ފުލުހުން ބުނީ "ގޭގައި ބަންދުކޮށްގެން ނުގެންގުޅެވޭނޭ ފޯނާ އެއްޗެހި އަތުލައިގެން".

މިއަދު އަހަރެންގެ އެތައް އާއިލާއެއް އަދި އަހަރެންގެ ރައްޓެހި ރަހުމަތްތެރި އެބަ ސުވާލު ކުރެ އެވެ. އަހަންނަށް ވީ ކީއްތޯ އެބަ އަހަ އެވެ. މައާފާއެކު ބުނަމެވެ. އަހަރެން ތަހަންމަލު ކުރި ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔާދޭހާ ހިތްވަރެއް ނެތެވެ.

އަހަރެން ފިލީކީ ނޫނެވެ. އިންޝާﷲ އެ މާހައުލުން ނިކުތުމުގެ ހިތްވަރު ލިބުނީ އެވެ. އާއިލާއަށް ފިލީކީ ނޫނެވެ. އާއިލާއިން އަމިއްލަ ބޭބެ ހިމާޔަތް ދިނީ އެވެ. އެންމެ އުނދަގޫވި ދުވަސްތަކުގަވެސް މިއަދުވެސް އަހަރެން ނުފިލަމެވެ. ގަވާއިދުގަ ކަންކަން ކުރަން އޮންނަ ގޮތަށް ކުޑަކުދިންނަށް ގުޅަން އޮންނަ ހެލްޕް ލައިނަށް ގުޅައިގެން ފުރަތަމަވެސް އެހީ ހޯދީ އެވެ.

ގޮސްގެންވިޔަސް މިއަދު މިކަން ހާސިލު ވީތީ އުފާ ކުރަމެވެ. މާތް ﷲ އަކީ އެންމެ އިންސާފުވެރި ފަރާތެވެ.

އަހަންނަށް މި ކުރެވުނު ތަޖުރިބާގެ އަލީގައްޔާއި، ކުޑަކުދިންގެ ހިޔާ ފެނިފައިވުމުން އަހަރެން ފަދަ ކުދިންނަށް އަހަރެން އެހީވާން ބޭނުމެވެ.

އަހަރެން އިތުރަށް ކިޔަވާން ނިންމައިފީމެވެ. އަހަރެންފަދަ ކުދިންނަށް އެހީވުމުގެ ނިޔަތުގަ އެވެ. އަހަންނަށް އިންސާފު ހޯދައިދޭން މަސައްކަތްކުރި އޮފިސަރުންނާއި ކައުންސިލަރުންގެ ކިބައިން އަހަންނަށް މިއަދު ހިތްވަރު ލިބިއްޖެ އެވެ. އަހަރެންގެ ހާލަތު ތަހުގީގު ކޮށްދެއްވީތީ ޝުކުރު އަދާ ކުރަމެވެ. އަހަންނަށް އެހީތެރިކަން ފޯރުކޮށްދިން އެންމެނަށް ލޯބި ރައްދު ކުރަމެވެ.

އަހަރެންގެ ބައްޕަ އަށް ހެޔޮ ބުއްދި ދެއްވުން މާތް ﷲ ހަޒްރަތުގައި އެދެމެވެ. އަދި އަހަރެންގެ ދިރިއުޅުން އާރާސްތު ކުރުމަށް ބައްޕަ ހުރަސް ނާޅާނޭކަމުގައި އުންމީދު ކުރަމެވެ.

*******

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް