ފިރިމީހާ އަނބިމީހާއަށް ކަމޭހިތުމަކީ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން: ޚުޠުބާ

ފިރިމީހާ އަނބިމީހާއަށް ކަމޭހިތުމަކީ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއްނޫންކަމުގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދު ހުކުރު ޚުޠުބާގެ މައުލޫއަކީ "ގެވެށި އަނިޔާ" މި މައުލޫ އެވެ. މި މައުލޫގައ...

04 Oct 2024 | 11:30

ފިރިމީހާ އަނބިމީހާއަށް ކަމޭހިތުމަކީ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއްނޫންކަމުގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދު ހުކުރު ޚުޠުބާގެ މައުލޫއަކީ "ގެވެށި އަނިޔާ" މި މައުލޫ އެވެ.

މި މައުލޫގައި ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައެވެ. ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މި ކަމަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށް ޓަކައި އަޑު އުފުލަމުންދާ މައްސަލައެކެވެ. ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ.

"މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢެކެވެ. އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް، މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެ، އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަން، ކީރިތި ރަސޫލާ ﷺ ދުވަހަކު  ވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވޭ، އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރައްވައިފައި" ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުން ކަމާއި ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުޢާމަލާތުކުރަނީ އަޚްލާޤު ރިވެތި، ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް ޓަކައި ކަމާއި ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ޓަކައި ކަމާއި އަދި ހަމަ އެހެންމެ އެހެނަސް ފިރިހެނާ މި ގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުމެވެ. އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވުމެވެ. ހިތްހަމަޖެހުން އޮންނާން ޖެހޭ ގޭތެރެ ހިތްދަތިވުންކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫންކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫން ކަމަށާއި ޙަޤީޤަތަށް ބަލާ އިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށެވެ. އޭނާގެ ރިވެތި އަޚްލާޤުގެ މަތީގައި ކަމަށެވެ.

"އަނބި ދަރީންނަށް އަޅައިނުލައި އުޅެނީ ކިތައް ފިރީންހެއްޔެވެ؟ އަނބިމީހާ ވަރިކޮށްފައި، ދަރިންނަށް ޚަރަދުނުދީ ފިލައިގެން އުޅެނީ، ކިތައް ބަފައިންހެއްޔެވެ؟ މިއީ މުޅީން ވެސް އަނިޔާއެވެ. މި ފަދަ އަނިޔާތަކަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. ތިމާގެ އަހުލުވެރީންނާ މެދު ޤިޔާމަތް ދުވަހުން މާތް ﷲ ސުވާލުކުރައްވާނެ" ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ މި ފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވެނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށާއި މީގެ އެންމެ ބޮޑު ސަބަބަކީ، އީމާންކަމުގެ ބަލިކަށިކަމެއް ކަމަށެވެ. އީމާންކަން ނެތިއްޖެ ނަމަ، ލަދުވެތިކަމެއް ނުއޮންނާނެތެވެ. ލަދުވެތިކަން ނެތިއްޖެ ނަމަ، އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެކަމަށެވެ.

ފިރީން އަނބީންނަށް އޯގާތެރިވެ އަޅައިލުން، އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ފަދައިން، ﷲ އަށާއި އެކަލާނގެ ރަސޫލާ ﷺ އަށް އުރެދުމެއް ނުވާ ކަންކަމުގައި، އަނބީން ވެސް ފިރީންނަށް ކިޔަމަންތެރިވުން އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާކަމާއި އަދި ފިރީންނަށް ކިޔަމަންތެރިވުމަކީ، އެ ކަނބަލުންގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަމާއި އެ ކަމުގެ ސަބަބުން، ޢާއިލީ ގުޅުން ބަދަހިވެ، ގެވެށިއަނިޔާއަށް އޮންނަ ފުރުޞަތު ހަނިވާނެކަންވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ގެވެށިއަނިޔާގެ ސަބަބުތަކުގެ ތެރޭގައި، މަސްތުވާ ތަކެތި ހިމެނެއެވެ. މަސްތުވާ ތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ އަސާސް،  މަސްތުވާތަކެތީގެ ސަބަބުން މީހާގެ އީމާންކަން ބަލިކަށިވާނެ، މަސްތުވާތަކެތީގެ ސަބަބުން ޝައިޠާނާގެ ޝިކާރައަކަށް އިންސާނާ ވާނެއެވެ. ޝައިޠާނާގެ ދަލުގައި ޖެހިއްޖެ ނަމަ ނުކުރާކަށް ނުބައިކަމެއް ނޯންނާނެ" ޚުޠުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުޠުބާގައި ބުނެފައިވަނީ ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެންނެއް ނުވާނެކަމަށާއި އެ ކަމުގެ ސަބަބުން މުޖުތަމަޢުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެންދިޔުމާ މެދު ވިސްނައި ފިޔަވަޅު އަޅާން ޖެހޭނެކަމަށެވެ. މި ކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި ޢަމަލުތައް އިތުރުވަމުން ދާކަމަށާއި ގެވެށިއަނިޔާތައް އިތުރުވެ އޭގެ ދާއިރާތައް ފުޅައުވެގެން ގޮސް މިއަދު އެކަންތައް ވަނީ، އަތް ނުފޯރާފަށަށް އުފުލިފައިކަމަށެވެ. ެ.

"އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް،  ގެއްލުންހުރި ހަޑިހުތުރު ޢަމަލެއް، އޭނާގެ ޙަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި، ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން،  މާތް ﷲ ފިރީންނަށް އަންގަވަނީ އެމީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަށް،

ގެވެށި އަނިޔާއަކީ، ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އެކަންޏެއް ނޫން،  އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާ ވެސް، ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ، ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވޭ، ދަރީންގެ ބަސްމަގު ހުތުރުވެ، އެ ކުދީންގެ ކުރިމަތީގައި މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބެއްކަމުގައި އެ ކަން ވެގެންދޭ" ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ އަހަރެމެން ހަނދާނުގައި ބަހައްޓާންވީ ކަމަކީ، ދެމަފިރީން ވެސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބޭންޖެހޭނޭކަމަށާއި އަނބީން ފިރީންނަށް ކިޔަމަންތެރިވެ، އަމާނާތްތެރިވާން ޖެހޭނޭކަމާއި، އަދި ފިރީން ވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނޭކަމަށެވެ. އަދި އެއްވެސް ޙާލެއްގައި، އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވުމަކީ، ﷲ سبحانه وتعالى ޙަރާމްކުރައްވައިފައިވާ ކަމެއްކަމެއް ކަމާއި ﷲ سبحانه وتعالىއާއި އެކަލާނގެ ރަސޫލާ ﷺ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބުމުގެ މައްޗަށް މާތް ﷲ އަޅަމެންނަށް ތައުފީޤު ދެއްވުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް