މުއިއްޒު އިންޑިއާ ކުރެން އެދިލެއްވީ ދެ ގައުމުގެ ގުޅުން އިހްތިރާމުގެ މައްޗަށް އިއާދަކުރުމަށާއި ލޯނު ދެއްކުން ލުއިކޮށްދެއްވުމަށް

އިންޑިއާއާއި ދިވެހި ރާއްޖެއާއި އޮންނަ ގުޅުން ސިޔާދަހީ އިހްތިރާމުގެ މައްޗަށް އިއާދަކޮށް، ރައީސް ސޯލިހްގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް އިންތިހާބީ ރަ...

04 Oct 2023 | 14:35

އިންޑިއާއާއި ދިވެހި ރާއްޖެއާއި އޮންނަ ގުޅުން ސިޔާދަހީ އިހްތިރާމުގެ މައްޗަށް އިއާދަކޮށް، ރައީސް ސޯލިހްގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ކިބައިން އެދިލައްވައިފިއެވެ.

ޑރ. މުއިއްޒު މިކަންކަމަށް އެދިލެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު މިއަދު މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.

އެ ޒިޔާރަތާއި ގުޅޭގޮތުން ޓްރާންޒިޝަން އޮފީހުން ވިދާޅުވީ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި ކަމަށާއި އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވި ކަމަށެވެ. މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވި ކަމުގައިވެސް އެ އޮފީހުން މައުލޫމާތުދެއްވައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވި ކަމަށާއި އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސަތަޤިއްލުކަމަށް ފުރިހަމައަށް އިހުތިރާމުކުރައްވާނެކަމުގެ ޔަގީންކަން ދެއްވެވައި، ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިކަމަށްވެސް ޓްރާންޒިޝަން އޮފީހުން މައުލޫމާތުދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް