އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން މަރުޙަލާ މިއަދު ފެށިފައިވާކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ.
"ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއްވެސް ޤާއިމުކުރެވިގެންދާނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަޞީލަތްތައް ތަރައްޤީ ކުރެވިގެން ދިޔުމުގެ އިތުރުން އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރެވި ޕާރކިންގ ސަރަޙައްދެއްވެސް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް އެއަރޕޯޓް ތަރައްޤީކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ." އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެއް ކަމަށާއި އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް