އަޒްހާންގެ މަރުގެ މައްސަލައިގަ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ހުޅުމާލޭ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ބޯ ގަސް ތަކުގެ ތެރޭގައި މަރުވެފައި އޮއްވަ ފެނުނު މުހައްމަދު އަޒްހާންގެ މަރުގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައ...

04 Oct 2022 | 08:23

ހުޅުމާލޭ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ބޯ ގަސް ތަކުގެ ތެރޭގައި މަރުވެފައި އޮއްވަ ފެނުނު މުހައްމަދު އަޒްހާންގެ މަރުގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އަޒްހާން ކަމަސް ބެލެވޭ އެމީހާގެ ހަށިގަނޑު ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު5:45 ހާއިރު އެވެ. އޭނާ މަރުވެފައި އޮއްވަ ފެނިފައިވަނީ ގެއްލިގެން ހޯދާތާ14 ދުވަސް ފަހުންނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާގެ މައްސަލައިގަ ވިދާޅުވެފައިވަނީ ގެއްލުނުތާ އެހާ ގިނަ ދުވަސް ފަހުން މަރުވެފައި އޮއްވަ ފެނުމަކީ މައްސަލައެއް ކަމަށެވެ.

އާދަމް ވިދާޅުވީ އަޒްހާން ހޯދުމަށް ހިންގި ތަހުގީގާމެދު ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެއީ އަޒްހާނުގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓައި އެންމެ ފަހުން ފެނުނު ސަރަހައްދާ ވަރަށް ކައިރި ސަރަހައްދަކުން ކަމަށް ވެފައި 14 ދުވަސް ވަންދެން އޭނާ ނުހޯދި އަދި އޭނާގެ މަރުގައި ޝައްކުވާ ބަޔަކު ނެތްކަމަށް ފުލުހުން ބުނާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތަކެއް ހިނގާއިރު މި ކަންކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު އާންމުނުކުރާތީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ.

އަޒްހާންގެ މަރާއި ގުޅިގެން ފުލުހުން އެންމެ ފަހުން ބުނީ ބަޔަކު އޭނާ މަރާލާފައިވާ ކަމުގެ ހެއްކެތް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި މިހާރު އޭނާގެ ފޯނު ފެނިފައިވާއިރު ޕޯސްޓު މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް