މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވަޑް އާލިން ހާލަންޑް އަދި ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ ހުރި ތަފާތުތައް މެންޗެސްޓަރ ސިޓީގެ ކޯޗު ގާޑިއޯލާ ބުނެދީފިއެވެ.
މީގެ ކުރިން މެސީއާއި އެކު ސްޕެއިންގެ ބާސެލޯނާގައިވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮސްފައިވާ އަދި މިހާރު އާލަން ހާލަންޑް އާއި އެކުވެސް ސިޓީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ގާޑިއޯލާ ބުނެފައިވަނީ މެސީއާއި ހާލަންޑްގެ ކުޅުމުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އެ ތަފާތުތައް ކިޔައިދެމުން ގާޑިއޯލާ ބުނީ މި ދެ ކުޅުންތެރިންގެ ހުރި ތަފާތަކީ، ހާލަންޑަށް ދަނޑުމަތީގައި މަސައްކަތް ކުރެވޭނީ ޓީމުގެ އެހެން ކުޅުންތެރިންގެ އެހީގައި ކަމަށެވެ. ނަމަވެސް މެސީ ދަނޑުމަތީގައި ކުރާކަމެއް ކުރަނީ އޭނާ އަމިއްލަ މަސައްކަތުން ކަމަށެވެ. އެގޮތުން ދަނޑުމަތީގައި މެޗެއް ކުޅެމުން ދާއިރުު މެސީގެ މަސައްކަތު ރޭޓާއި ހާލަންޑްގެ މަސައްކަތު ރޭޓުވެސް ވަރަށް ތަފާތު ކަމަށް ގާޑިއޯލާ ބުންޏެވެ. މެސިއަކީ ދުވެގެން އަމިއްލަ އަށް ބޯޅަ ހޯދައިގެން ލަނޑު ޖެހުމަށް އެހީތެރިވެދިނުމުގެ އިތުރުން ލަނޑުވެސް ޖަހާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ހާލަންޑްގެ ކިބައި އަދި މި ކަންކަން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
ގާޑިއޯލާ ވަނީ މެސީގެ އެންމެ ރަން ދުވަސްވަރު ބާސާގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ. އެއީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި ބާސާއިން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބާސާއިން ހޯދި ގިނަ ކާމިޔާބީތަކުގެ އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މެސީއެވެ.
ގާޑިއޯލާ މެންޗެސްޓަރ ސިޓީގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުގައެވެ. ހާލްންޑް ސިޓީއާއި ގުޅުނީ މި ސީޒަނަށެވެ. ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ހާލަންޑް ކުޅުނު އަށް މެޗުގައި އޭނާ ވަނީ 14 ގޯލު ޖަހައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް