ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަރަހަށް ފްލައިޓެއްގައި ދަތުރުކޮށް ގައުމުން ބޭރު ވެއްޖެ އެވެ.
ދިރިހުރި އެންމެ ދިގު އަންހެން މީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު އޮތީ ތުރުކިޔާގެ އުމުރުން 25 އަހަރުގެ ރުމޭސާ ގެގްލީ އަތުގައި އެވެ. އޭނާ އެންމެ ފުރަަތަމަ ފްލައިޓެއްގައި ދަތުރު ކުރީ ޓާކިޝް އެއާލައިންގައި އެމެރިކާއަށެވެ.
އެމެރިކާއަށް އޭނާ ގެންދިއުމަށް އެ އެއާލައިނުން ވަނީ ހާއްސަ ދިގު ސްޓްރެޗާއެއް ތައްޔާރުކޮށްފައި އެވެ. ރުމޭސާގެ އިސްކޮޅަށް ހަދާފައިވާ އެ ސްރެޗަރުގައި ދަތުރު ނިމެންދެން އޭނާ އޮންނަން ޖެހުނީ އޮށޯވެގެންނެވެ.
ރުމޭސާ އެ ދަތުރަށް އެއާޕޯޓަށް ދިޔައީންސުރެ ފްލައިޓަށް އަރުވައި ބޭއްވުމާއި ހަމައަށް ހިނގައިދިޔަ ކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި އެވެ. އޭނާ ދިގު ކަމުންނާއި ނުހިނގޭތީ ފްލައިޓަށް އެރުވީ ލިފްޓެއްގެ އެހީގައި އެވެ. އެހުރިހާ ވަގުތެއްގައިވެސް އެއާލައިންގެ މުވައްޒަފުން އޯގާތެރިކަމާއި އެކު އޭނާ އާއި މެދު އަމަލު ކުރާތަން ފެނެ އެވެ.
https://twitter.com/stargazete/status/1575774362359185408
ފްލައިޓުގެ ފުރަތަމަ ތަޖުރިބާ އާއި އެކު ރުމޭސާ ބުނީ ތަޖުރިބާ އާއި މެދު ހިތްހަމަ ޖެހި އުފާވާ ކަމަށެވެ. އަދި ޓާކިޝް އެއާލައިނަށްވެސް މިއީ ބަލި ނޫން މީހަކު ސްޓްރެޗަރުގައި އުފުލައިގެން ކުރަން ޖެހުނު ފުރަތަމަ ތަޖުރިބާއަށް ވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ރުމޭސާ އެމެރިކާއަށް މިހާރު ކުރަމުންދާ ދަތުރުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުގެ އޮފިޝަލުންނާއި ބައްދަލުކޮށް އެ ޖަމާއަތުގެ ހަރަކާތެއްގައި ބައިވެރިވާނެ އެވެ. އަދި އޭނާ އަކީ ސޮފްޓްވެއާ އިންޖިނިއަރިންއިން ކުރިޔަށްދާން ބޭނުންވާ މީހަކަށް ވާތީ ދާއިރާ އާއި ގުޅުން ހުރި މީހުންނާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ރުމޭސާގެ އިސްކޮޅުގައި ހަތް ފޫޓު 0.7 އިންޗި ހުރެ އެވެ. އޭނާއަށް އެންމެ ދިގު އަންހެން މީހާގެ ރެކޯޑު ލިބުނީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޮތީ އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ އެވޯޑެވެ.
ރުމޭސާ ވިހޭންސުރެ އާދަޔާ ހިލާފަށް އަވަހަށް ދިގުވި ކަމަށް އޭނާގެ މައިންބަފައިން ބުނެފައިވެ އެވެ. ފަހުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ އުފަންވިއިރު ރުމޭސާއަށް ވީވާ ސިންޑްރޮމް ކިޔާ ބައްޔެއް ޖެހިފައިވާ ކަމެވެ. އެ ބަލީގެ ސަބަބުން އޭނާގެ އިސްކޮޅާއި ހަށިގަނޑުގެ ގުނަވަންތައް އާދަޔާ ހިލާފަށް ބޮޑުވެ ދިގުވާން ފެށި އެވެ.
ރުމޭސާ އަތުގައި އޮންނަނީ ދުނިޔޭގެ އެންމެ ދިގު އަންހެން މީހާގެ ރެކޯޑު އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ދިގު އިނގިލިތައް ހުރި އަންހެން މިހާ އާއި އެންމެ ދިގު އަތް އޮންނަ އަންހެން މީހާގެ ރެކޯޑުވެސް އޮންނަނީ ރުމޭސާ އަތުގައި އެވެ.
އެވޯޑު ލިބުމުގެ ކުރިން މީހުންގެ ފަރާތުން ފުރައްސާރަ އާއި މަލާމާތް ރައްދުވި ނަމަވެސް މިހާރު އެއީ ތުރުކިޔާ އާއި ދުނިޔޭގައި ތަރި އެކެވެ. އޭނާއަށް އޮތް ހަމަ އެކަނި ހިތްދަތި ކަމަކީ ބަލީގެ ސަބަބުން އުމުރު ދުވަހު ފުރޮޅުލީ ގޮނޑީގައި އުޅެން ޖެހުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް