މިހާރު ފެށިގެން ކުރިޔަށް ދާ ސާފް ޗެމްޕިއަންޝިޕު ފުޓްބޯޅަ މުބާރާތުގައި ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުން ނޭޕާލް މޮޅުވެއްޖެއެވެ.
ލަންކާއާއި ދެކޮޅަށް ކުޅުނު މި މެޗުން ނޭޕާލް މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ.
މިރޭ ލަންކާއާއި ވާދަކޮށް ނޭޕާލް މޮޅުވިއިރު، މިއީ މި މުބާރާތުގައި ނޭޕާލުން ހޯދި ދެވަނަ މޮޅެވެ.
މިރޭގެ މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ނޭޕާލުންނެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައިވަނީ ވެސް ނޭޕާލުންނެވެ. ނަވަޔޫގް ސްރެޝްތާ ދިން ރީތި ޕާހަކުން މި ލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ ސުމަން ލާމާއެވެ.
މެޗުގެ ފުރަތަމަ ހާފު ނޭޕާލުން ނިންމާލީ އެއް ލަނޑުން ކުރީގައި އޮވެގެންނެވެ. ނޭޕާލުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 51 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންޖަން ބިސްޓާ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ލަންކާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގުި ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާވިން ހެމިލްޓަން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ 86 ވަނަ މިނެޓުގައި ނޭޕާލުން ތިންވަނަ ލަނޑު ޖަހާ ލީޑު ދެވަނަ ފަހަރަށް ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޔޫޝް ގަލަންގް އެވެ. ސްރީލަންކާއި އެޓީމުގެ ދަވަނަ ލަނޑު ޖަހާ ދެވަނަ ފަހަރަށް ފަރަގު ކުޑަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ނޭޕާލްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ޑިލިއަން ޑި ސިލްވާއެވެ.
ލަންކާ އަތުން ހޯދި މި މޮޅާއެކު ނޭޕާލް އޮތީ ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއި އެކު ބަންގްލަދޭޝް އެވެ.
މިރޭ ނޭޕާލް އަތުން ވި ބައްޔާއި އެކު ލަންކާ އަށް ވަނީ މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައެވެ. ލަންކާ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ވަލިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް