ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލައާ ގުޅޭ ގޮތުން ކައުންސިލްއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ފިއްލަދޫ ރައްޔިތުން ދައްޕަރު މައްސަލަައިގައި ދެކޭ ގޮތް މިއަދުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލާ، 467 މީހުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަަހަޅާފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ނެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ހަވާލުވެވަޑައިގަތީ މިވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ.
ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ އެރަށުގެ ގިނަ ރައްޔިތުން ޕިކްނިކް ގޮސް އުޅޭ ފަޅު ރަށެކެވެ. ފިއްލަދޫގެ އިޙްތިޞާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބޭ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދިއްތަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.
ދައްޕަރަކީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ރަށެކެވެ. މޫދާ ގުޅިފައިވާ ބޮޑު ކުޅިއެއް އެރަށުގައި އޮވެއެވެ. 2010 ވަނަ އަހަރު އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 18 މަރޗް 2020ގައި ރައީސް ޞާލިހު ވަނީ ފިއްލަދޫގެ އިޙުތިޞާސްގެ ތެރޭގައި ދައްޕަރު ހިމަނާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް މިއަދު ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގައި ދައްޕަރު އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް