މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބާއްވާ އިންތިޚާބުގައި ބޭނުންކުރާނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި އިންތިޚާބާއިގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ މި އޮކްޓޯބަރ މަހުގެ 8 ވާ ހުކުރު ދުވަހު ބާއްވާ އެ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ނުވަތަ އިންތިޚާބު އޮންނާނީ 08 އޮކްޓޫބަރ ވާ ހުކުރު ދުވަހު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ހޯލުގައި ކަމަށެވެ.
މި އިްނތިޚާބު ދެ ދަންފަޅިއަށް ކުރިޔަށްގެންދިއުމަށް ރާވާފައިވާ އިރު، ފުރަތަމަ ދަންފަޅި ކުރިއަށްދާނީ މެންދުރުފަހު 2 އިން 6 އަށް ކަމަށާއި ދެވަނަ ދަންފަޅި ކުރިއަށްދާނީ ރޭގަނޑު 9 ން ފެށިގެން ކަމަށް އެ ޕާޓީން ބުނެ އެެވެ.
" ފުރަތަމަ ދަންފަޅީގައި ކުރިޔަށް ދާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ލާޒިމުކުރާ ކަންކަމުގެ ތެރެއިން ޕާޓީގެ ނަން، ލޯގޯ، ކުލަ، ދިދަ އަދި އަސާސީ ޤަވާޢިދު ފާސްކުރުމާއި އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުން." އެމްއެންޕީން ބުންޏެވެ.
އެމްއެންޕީން ބުނީ ބައްދަލުވުމުގެ އެހެނިހެން ކަންކަމާއި އިސް މަޤާމުތަކަށް އިންތިޚާބުވީ ފަރާތްތަކުގެ ވާހަކަފުޅު ދެއްކެވުން ކުރިޔަށްދާނީ ދެވަނަ ދަނފަޅީގައި ކަމަށެވެ.
އެ ޕާޓީން އިތުރަށް ބުނީ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިޔަށްދާ ވޯޓުލުމުގެ މަރުޙަލާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ކަމަށެވެ.
މިއީ އިލެކްޓްރޯނިކް ސިސްޓަމެއް ބޭނުންކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެގެ މެންދުރުފަހު 2:00 ހަމަވެފައިވާ އިރު، އިންތިޚާބުގައި ބައިވެރިވުމަށް 54 ފޯމް ވަނީ ހުށަހަޅާފަ އެވެ.
އެމްއެންޕީ ގެ އިންތިޚާބު މި މަހު 8 ވަނަ ދުވަހު ބާއްވާ އިރު، އެޕާޓީގެ ރައީސްގެ މަގާމަށާއި ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު މަގާމަށް އިންތިޚާބަކާއިނުލާ ވަނީ ބޭފުޅުން ހޮވިފަ އެވެ.
އެގޮތުން ރައީސްގެ މަގާމަށް ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ހޮވިވަޑަގެންފައިވާ އިރު، ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމް ވަނީ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފަ އެވެ.
ރިޔާޒު ހޮވިވަޑައިގެންނެވީ މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށެވެ. އަދި އުޝާމް ހޮވިވަޑައިގެންނެވީ މެދު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށެވެ.
މީގެ އިތުރުން ދެކުނު ސަރަހައްދުގެ ނައިބު ރައީސް ކަމަށް އަހުމަދު ޝަރީފު އާއި އުތުރު ސަރަހައްދު ނައިބު ރައީސް ކަމަށް ހުސެއިން އިސްމާއިލް ވެސް ވަނީ ހޮވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް