ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަތުން - ފާޑުކިޔަންޖެހޭ ސަބަބެއް ނެތް

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވުމުން ގިނަބަޔަކަށް އެކަންވީ މަޖަލަކަށެ...

04 Oct 2021 | 09:45

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވުމުން ގިނަބަޔަކަށް އެކަންވީ މަޖަލަކަށެވެ. ނުވަތަ ޖޯކަކަށެވެ.

ވާނީވެސް އެހެންތާ އެވެ. މިނިސްޓަރ ޝާހިދުއަކީ ރާއްޖޭގެ ބޭފުޅެކެވެ. އެހެންވީ އިރު، އުފަން ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުން ވެގެންދާނީ ނުވަތަ ބަަލައިގަނެވޭނީ ވެސް އެފަދަ ގޮތަކަށެވެ. އަނެއްކާ އެމަނިކުފާނަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ ބޭފުޅާއަށް ވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެެހެންނަމަވެސް ހަގީގަތަކީ އެ މަނިކުފާނު މިވަގުތު ތަމްސީލުކުރައްވަމުން އެގެންދަވަނީ އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމުގައި ކަމެވެ. އެ މަގާމުގައި ހުންނަވާ ކޮންމެ ބޭފުޅަކީ ވެސް މަގާމުގެ ހައިޘިއްޔަތުން އދ ގެ މެމްބަރު ގައުމުތަކަށް ޒިޔާރަތް ކުރައްވަން ޖެހޭނެ ފަރާތެކެވެ.

އެ ދަތުރުފުޅުތަކުގައި އެ ފަރާތެއްގެ އަމިއްލަ ގައުމު ވެސް އިސްތިސްނާއެއް ނުވާނެ އެވެ. ނުވަތަ ނުވެސް ކުރެވޭނެ އެވެ.

ނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި މިކަމަށް ފާޑުކިޔުން އަމާޒުވި ސަބަބަކީ މިއީ މިފަދަ މަގާމެއް ރާއްޖޭގެ ފަރާތަކަށް ލިބުނު ފުރަތަމަ ފަހަރުކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިނިސްޓަރ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނެވެ. އެއީ އެއްވެސް ހާލެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރގެ ހައިޘިއްޔަތުން ކުރައްވާ ދަތުރުފުޅެއް ނޫނެވެ. އަދި ރައިސް ސޯލިހު، މިނިސްޓަރ ޝާހިދަށް އެ ދަޢުވަތު ދެއްވީ ވެސް އދ ގެ 76 ވަނަ މަޖިލީހުގެ ރައީސްގެ ހައިޘުއްޔަތުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށެވެ.

ރައީސް ސޯލިހު، މި ދަޢުވަތު ދެއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު އާންމު މަޖިލީހުގެ އެސެމްބްލީގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ވަޑައިގެންފަ އެވެ.

އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

މަގާމުގެ ހައިޘިއްޔަތުން އެމަނިކުފާނު މިހާރުގެންދަވަނީ ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ނެވެ.

ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމަށްވިޔަސް އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވުމުން ގިނައިން އުޅުއްވަން ޖެހެނޭނީ އެމެރިކާގެ ނިއުޔޯކްގަ އެވެ.

އެހެންވެ ފޮރިން މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް، ރަސްމީގޮތުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް