ޕޮލިސް ބޯޑަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ: ހޯމް މިނިސްޓަރ އިމްރާން

ޕޮލިސް ބޯޑަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރ...

04 Oct 2021 | 05:33

ޕޮލިސް ބޯޑަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ސުވާލަށް ޖަވާބު ދެއްވުމަށް ފަހު އެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އެހެން މީހެއްގެ ފަރާތުން ވެސް އެ ބޯޑަށް ނުފޫޒެއް ފޯރާފައިވާކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށެވެ.

ޝިޔާމް ސުވާލު ކުރައްވާފައިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ މަތީ ރޭންކުތަކުގައި ތިބި 7 އޮފިސަރަކު މަގާމުން ވަކިކުރުމަށް ފުލުހުން ބޯޑުން ނިންމާފައި ވާތީ، އެ ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު ނިންމާފައިވާ ނިންމުމެއްތޯ އެވެ. އަދި މި އޮފިސަރުންގެ މައްސަލަ ބަލައި ވަކިކުރުމަށް ނިންމި ނިންމުމުގައި ކިހާވަރެއްގެ ސިޔާސީ ނުފޫޒެއް ވޭތޯ އެވެ.

މި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގައި އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށެވެ.

"ފުލުހުންގެ އާ ގާނޫނު ވުޖޫދުވެގެން އައިއިރު އެ ގާނޫނުގެ 75 ވަނަ މާއްދާގައި ޕޮލިސް ބޯޑެެއް އެކުލަވާލަން ކަނޑައަޅާފައި ވަނީ ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް، ނިޒާމު ފުރިހަމަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ގާއިމް ކުރުމަށް.އެކަމުގައި މިނިސްޓަރަށާއި، މި ގާނޫނު ތަންފީޒު ކުރުމަށް ލަފާ އަރުވަން ޖެހޭ އެހެނިހެން މީހުންނަށް ލަފާ އެރުވުމުގެ ޒިންމާ ހަވާލު ކޮށްފައިވަނީ އެ ބޯޑަށް." މިނިސްޓަރ ވިދާޅުވި އެވެ.

ޕޮލިސް ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕޮލިސް ބޯޑުގެ ހުރިހާ މަސައްކަތެއްގައި މިނިސްޓަރުގެ ލަފާ އަރުވާ، މިނިސްޓަރުގެ ދައުރު އޮންނަ ގޮތަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ފަރުމާ ކޮށްފައިވަނީ ޕޮލިސް ބޯޑުގެ މަސައްކަތްތަކުގައި މިނިސްޓަރުގެ އެއްވެސް ދައުރެއް ހިމެނޭ ގޮތަށް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން ހޯމް މިނިސްޓަރ އިމްރާން ތަކުރާރުކޮށް ވިދާޅުވީ ޕޮލިސް ބޯޑުގެ މަސައްކަތް ކުރިއަށް ދިޔައިރު، އެ މަސައްކަތުގައި އޭނާގެ އެއްވެސް ދައުރެއް ހިމެނިފައި ނުވާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށްފަހު ވެސް އެ މަސައްކަތުގެ ނަތީޖާ ހިއްސާ ކޮށްފައި ނުވާ ކަމަށާއި ޕޮލިސް ބޯޑުން، އެ ބޯޑުގެ މަސައްކަތް ކޮށްފައިވަނީ ގާނޫނުގައި އެކަން އޮތްގޮތަށް، މިނިސްޓަރުގެ ދައުރަކާ ނުލާ ކަމަށެވެ.

އެހެންނަމަވެސް މިނިސްޓަރު އިމްރާން ވިދާޅުވީ ޕޮލިސް ބޯޑުގެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމަން ދަތިކަމަށް އެ ބޯޑުން އެންގުމުން، އެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ބާރު އަޅުއްވާފައިވާނެ ކަމަށާއި އެގޮތުން އެ މަސައްކަތް ވަގުތަށް ނިންމުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެވެން ހުރިކަމެއް ކޮށްދިނުމަށް އެހީތެރިވެދީފައިވާނެ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންނާއިމެދު ގޮތެއް ކަނޑައަޅައި، ތަންފީޒްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވަނީ ފޮނުވާފަ އެވެ.

ޕޮލިސް ބޯޑުން ބުނިގޮތުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ދުރުކުރަން ނިންމީ ޤާނޫނުގައިވާގޮތުގެ މަތިން އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަމަށް ބެލުމަށްފަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް