ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ގައުމު ދޫކުރައްވާ ނުފިއްލަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒު މިހެން ވިދާޅުވީ މިއަދު ކުއްލިގޮތަކަށް މެޑަމް ފާތުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވުމުންނެވެ. އެކަމަނާގެ އަރިހުގައި ހަގު ދަރިކަލުންވެސް ގެންދެވި އެވެ. މެޑަމް ފާތުން އެއާޕޯޓަށް ވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުން ބުނެފައިވަނީ މެޑަމް ފާތުން "ފިއްލެވީ" ކަމަށެވެ. އެކަމަށް ރައްދު ދެއްވާ މުއާޒު މިރޭ މީޑިއާގައި ވިދާޅުވީ ރައީސް ޔާމީން އާއި މެޑަމް ފާތުން ގައުމު ދޫކުރައްވާ "ނުފިއްލަވާނެ" ކަމަށެވެ.
އެކަމަކު މި ދަތުރުފުޅާއި ގުޅޭ މައުލޫމާތު ހާމަކުރައްވާފައެއް ނުވެ އެވެ. މުއާޒު ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ އަމިއްލަ ދަތުރުފުޅުތަކުގެ މައުލޫމާތު އާންމު ނުކުރައްވާނެ ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މެޑަމް ފާތުން ސައުދީއަށް ވަޑައިގެންނެވީ އުމްރާއެއް ކުރައްވާށެވެ. އެކަމަނާ ވަޑައިގެންނެވީ ސައުދީ އެއާލައިންގައި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބާއި ކުރިލާން ޖެހިވަޑައިގެންނެވިފަހުން ކުރިން އަބަދުވެސް އަޑު އިވޭ މެޑަމް ފާތުންގެ އަޑު ވަނީ އެއްކޮށް ކެނޑިފަ އެވެ. އެކަމަކު ރައީސް ޔާމީނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވަން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ފާތުން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް