ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަކީ ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ މަގާމެއް ކަމަށެވެ. އެކަމަކު އެ މުއްދަތު ފަސް އަހަރުން ފަސް އަހަރުން އިތުރު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ އެވެ.
އެމަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތު ކަމަށް ބުނެފައިވަނީ ދަށްވެގެން ޑިގްރީއެއް އޮތުމާއި ދައުލަތުގެ އިދާރާއެއް ނުވަތަ ކުންފުންޏެެއް ނުވަތަ ބޭރުގެ ޖަމާއަތެއްގެ ސީނިއާ މެނޭޖްމަންޓްގައި ތަޖްރިބާ ލިބިފައި ވުމެވެ. މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 ރުފިޔާ ލިބޭނެ އެވެ.
އެމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 14 ވަނަ ދުވަހެވެ.
ޖުޑިޝަލް އެޑްމިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ޖިނާއީ ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން އޭނާ މަގާމުން ވަކި ކޮށްފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް