މާދަމައަކީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަސް ކަމުގައިވާއިރު އަދި ރާއްޖޭގެ ސްކޫލުތަކުގައި މިއަދު މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މުދައްރިސުންގެ ދުވަހުގެ ތަހްނިޔާއާއި ހެޔޮ އެދުންތައް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ފޮނުއްވައިފިއެވެ.
ދުވަހުގެ ތަހްނިޔާ އާއި ހެޔޮ އެދުންތައް މިނިސްޓަރު ފޮނުއްވާފައިވަނީ މުދައްރިސުންގެ ދުވަހުގެ ތަހްނިޔާގެ މެސެޖުގައެވެ.
"ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް އަރިސްކުރަމެވެ. އަދި މި އުފާވެރި ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ޓީޗަރުން ތަމްރީނުކުރެއްވުމުގެ މަސައްކަތްކުރައްވާ މަރުކަޒުތަކުގެ މުވައްޒަފުންނާއި، ޓީޗަރުންގެ މަސައްކަތްތަކަށް މަދަދުދެއްވާ އެންމެހާ ބޭފުޅުންނަށްވެސް އަރިސްކުރަމެވެ." ތަހުނިޔާގެ މެސެޖުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ މެސެޖުގައި މިނިސްޓަރު ފާހަގަކުރައްވާފައިވާގޮތުގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ފެންވަރު ރަނގަޅު ޓީޗަރުން ވަރަށް މުހިންމުވާނެއެވެ.
ފެންވަރު ރަނގަޅު ޓީޗަރަކަށްވުމަށްޓަކައި ފުރިހަމަކުރައްވަންޖެހޭ ތަމްރީނުތަކުގެ އިތުރުން، ޓީޗަރަކީ އޯގާތެރި، ދަރިވަރަށް ތަރުބަވީ ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ ހުނަރު ދަސްކޮށްގެންހުރި ޓީޗަރަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ކުރެވިފައިވާނެ ކަމަށާއި އަދި މި ދެންނެވި މަސައްކަތްތަކުގެ ފައިދާވެސް ދަރިވަރުންނަށް ކުރަމުންދާކަން އުފަލާއެކު ފާހަގަކުރައްވާކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވާގޮތުގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް، ސްކޫލްތަކުން ކުރައްވާ މަސައްކަތްތަކުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މަސައްކަތް އުފަލާއެކު މިނިސްޓަރު ފާހަގަކުރައްވައެވެ. އަދި ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ސްކޫލްތަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމްތައް ހިންގެވުމުގައި ސްކޫލްތަކުގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްވެސް އުފަލާއެކު ފާހަގަކުރައްވާކަމަށާއި ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބެލެނިވެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ހުރިހާ ބެލެނެވިންނަށްވެސް ޝުކުރު ދަންނަވާކަމުގައިވެސް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް