ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންތައް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އޭގެ ތެރެއިން ދެ ފުލުހަކު މިނިވަން ކުރީ އިއްޔެ އެވެ. ބާކީ ތިބި ހަ ފުލުހުން ދޫކޮށްލީ މިއަދު އެވެ. އެކަން އެމީހުންގެ ގާނޫނީ ވަކީލް ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.
ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރު ކުރި އަށް ފުލުހުންނަކީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިން، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދު، ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.
މީގެ ތެރެއިން ބައެއް ފުލުހުން ވަނީ ކުރިން ގޭ ބަންދަށް ބަދަލުކޮށްފައި އެވެ. އެކަމަކު ލިބުނު އިންޓެލް ރިޕޯޓަކާއި ގުޅިގެން އެ ފުލުހުން އަނބުރާ ޖަލަށް ގެންދިޔައީ އެވެ.
އެމީހުން މިއަދު މިނިވަން ކުރީ އިތުރަށް ބަންދުގައި ބައިތިއްބަން ބޭނުން ނުވާކަމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންގުމުން ކަމަށް ކޯޓުން ކުރި އަމުރުގައި ބުނެފައިވެ އެވެ. އެގޮތަށް ނިންމީ ބަންދުގެ މުއްދަތުގައި ހެއްކަށް ނުފޫޒު ފޮރުވުމުގެ އެއްވެސް އަމަލެއް ފާހަގަ ވެފައި ނުވާތީ ކަމަށް ބުނެ އެވެ.
އެމީހުންގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ ދައުވާ ސަބިތުވެއްޖެ ނަމަ އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އެމީހުން މިހާރު ޖަލުގައި ތިބޭތީ ހަމަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް