ފޯރިގަދަ ކުރިމަތިލުމުން ޓޮޓެންހަމްގެ މައްޗަށް ބާސާއަށް ސަޅި މޮޅެއް

ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕްގެ ގޮތުގައި ބަލާ ގްރޫޕް ބީ ގައި ރޭ ޓޮޓެންހަމް އާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބާސާއަށް ކުރި ލިބިއްޖެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗު ބާސާ ކާމިޔާބު...

04 Oct 2018 | 03:59

ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕްގެ ގޮތުގައި ބަލާ ގްރޫޕް ބީ ގައި ރޭ ޓޮޓެންހަމް އާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބާސާއަށް ކުރި ލިބިއްޖެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗު ބާސާ ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ މެޗު ވެސް ކާމިޔާބު ކޮށްފައި އޮތް ބާސާއަށް ރަށުން ބޭރުގައި މި ލިބުނު މޮޅަކީ އެ ޓީމަށް ލިބުނު ވަރަށް ފުރަތަމަ ކާމިޔާބީއެކެވެ.

ރޭގެ މެޗު ފެށިގެން ދެ ވަނަ މިނިޓުގައި ބާސާއިން ވަނީ ގޯލު ހުޅުވާލާފައެވެ. މެސީ ޖޯޑީ އަލްބާއަށް ފޮނުވާލި ބޯޅައަށް ޓޮޓެންހަމްގެ ގޯލް ކީޕަރ ހޫގޯ ހޮރިސް ނުކުތްއިރު، އޭނާއަށް ބޯޅައާ ހިސާބަށް ދެވުމުގެ ކުރިން އަލްބާ ފަހަތަށް ދިން ބޯޅައިން ކުޓީނިއޯ ވަނީ ލަނޑު ޖަހާފައެވެ. މި ލަނޑުގައި ލޮރިސްއަށް ހެދުނު ގޯސް ފާހަގަ ކުރެވުނުއިރު، މިއީ އޮގަސްޓް މަހުގައި ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު އޭނާ ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

ބާސާއިން މެޗު ފެށިގޮތަށް ލަނޑެއް ޖެހި ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފުގެ ކުރީކޮޅު ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެނަސް، އޭރިޔާގެ ބޭރުން އީވާން ރަކިޓިޗް ފޮނުވާލި ބާރު، ހިތްގައިމު، ވޮލީއަކުން ޖެހި ލަނޑާއެކު ބާސާގެ ކުޅުން އިތުރަށް ރަނގަޅުވެ ހަމަލާތައް އިތުރުވިއެވެ.

ދެ ވަނަ ހާފު ފެށިގެން ޓޮޓެންހަމްއަށް އުންމީދެއް ގެނެސްދިނީ އެ ޓީމު ފޯވާޑް ހެރީ ކޭންއެވެ. ލަމޭލާ ދިން ބޯޅައެއް ތިރިތިރިން ކަނާތު ކަނަށް ކޭން ފޮނުވާލީ ބާސާގެ ޑިފެންޑަރ ސެމެޑޫ ކައިރިން ހިތްގައިމުކޮށް ނައްޓާލުމަށް ފަހުގައެވެ.

ބާސެލޯނާއިން ދެ ވަނަ ހާފުގައި ގިނަ ވަގުތު ޕާސްތަކެއް ދީގެން ބޯޅަ ހިފައްޓައިގެން ކުޅެމުން ދިޔައިރު، ޓޮޓެންހަމް އިން ދިޔައީ ނަތީޖާ ހަމަހަމަ ކުރުމަށް ކައުންޓަރ އެޓޭކްގައި ނުރައްކާ ކުރަމުންނެވެ. އެހެނަސް، ބާސާގެ ތަރި ލިއޮނަސް މެސީ ވަނީ އެ ޓީމުގެ ލީޑު އަނެއްކާ ވެސް ފުޅާ ކޮށްދީފައެވެ. މެސީ މި ލަނޑު ޖެހިއިރު، ކޭންގެ ލަނޑުގެ ކުރިން އޭނާ ފޮނުވާލި ދެ ހަމަލާއެއް ޓޮޓެންހަމްގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒު ވެފައިވެއެވެ.

ބާސާއިން ދެ ވަނަ ފަހަރަށް 2 ލަނޑުގެ ލީޑެއް ނެގުމުން ވެސް ޓޮޓެންހަމްއިން ކުރި ހިތްވަރާ މަސައްކަތުން، އެ ޓީމުގައި މޮޅަށް ކުޅެމުން ދިޔަ ލަމޭލާ ޖެހި ލަނޑާއެކު އަނެއްކާ ވެސް އުންމީދު އާވިއެވެ. އަދި ނަތީޖާ ހަމަހަމަ ކުރުމަށް ޓޮޓެންހަމްއިން މެޗުގެ ފަހު ވަގުތު ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ވެސް އުފެއްދިއެވެ. އެހެނަސް، ރަނގަޅަށް ޑިފެންސް ނުކުރެވުމުގެ ފައިދާ ނަގައި މެޗުގެ ފަހު ވަގުތު މެސީ ޖެހި ދެ ވަނަ ލަނޑާއެކު ބާސާއަށް 3 ޕޮއިންޓް ކަށަވަރުވިއެވެ.

ގްރޫޕް ބީ ގައި ކޮންމެ ޓީމަކުން ވެސް 2 މެޗު ކުޅެފައިވާއިރު، ބާސާ އާއި އިންޓަ މިލާންއަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ބާސާ އެއް ވަނައިގައި އޮތީ ފައިދާ ލަނޑުންނެވެ. ދެން މި ގްރޫޕްގައި އެންމެ އަވަހަށް ބައްދަލު ކުރާނީ މި ދެ ޓީމެވެ. މި ގްރޫޕުން ޓޮޓެންހަމް އާއި ޕީއެސްވީ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ޕީއެސްވީ ރޭގެ މެޗުން އިންޓަ މިލާން އަތުން ބަލިވީ 2-1 ގެ ނަތީޖާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް