ޕީއެސްޖީއަށް ބޮޑު މޮޅެއް. ނަޕޯލީން ފަހު ވަގުތު ލިވަޕޫލް ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި ރޭ ކުޅެވުނު މެޗުތަކުން ޕީއެސްޖީން ސާބިއާގެ ރެޑް ސްޓާރ ވެލްގްރޭޑްގެ މައްޗަށް 6-1 ގެ ބޮޑު މޮޅެއް ހޯދިއިރު، ނަޕޯލީ އިން، އެންމެ ފަހުގެ ފައިނަލްގައި ވާދަކުރި ލިވަޕޫލް ފަ...

04 Oct 2018 | 03:37

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި ރޭ ކުޅެވުނު މެޗުތަކުން ޕީއެސްޖީން ސާބިއާގެ ރެޑް ސްޓާރ ވެލްގްރޭޑްގެ މައްޗަށް 6-1 ގެ ބޮޑު މޮޅެއް ހޯދިއިރު، ނަޕޯލީ އިން، އެންމެ ފަހުގެ ފައިނަލްގައި ވާދަކުރި ލިވަޕޫލް ފަހު ވަގުތު ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން ބަލިވިއިރު، ރޭގެ މެޗުގައި ޕީއެސްޖީ ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ޖުމްލަ 17 ހަމަލާ ފޮނުވާލިއިރު، 12 ހަމަލާއެއް ވަނީ ރެޑް ސްޓަރގެ ގޯލަށް އަމާޒު ކޮށްލާފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ އަގު ބޮޑު ތަރި ނޭމާ ޖޫނިއަރ ވަނީ ހެޓްރިކެއް ހަދާފައެވެ. މިއާއެކު ކަކާގެ މައްޗަށް ކުރިހޯދާ ނޭމާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ބްރެޒިލް ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ނޭމާގެ އިތުރުން ރޭގެ މެޗުގައި ޕީއެސްޖީއަށް ދެން ލަނޑުތައް ޖަހައިދިނީ އެޑިންސަން ކަވާނީ، އެންހެލް ޑި މަރީއާ އަދި ކިލިއަން އެމްބާޕޭ އެވެ. ރެޑް ސްޓަރގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މާކޯ މާޓިން އެވެ.

ގްރޫޕް ސީ ގައި ރޭ ނަޕޯލީ އާއި ލިވަޕޫލް ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް އެންމެ އެދެވޭ ކުޅުމެއް ނުފެނުނެވެ. ޔޫރަޕްގައި އެޓޭކަށް މަޝްހޫރު ދެ ޓީމު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ކީޕަރުންނަށް ވެސް މާކަ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.

ލިވަޕޫލްގެ ވަރުގަދަ ފޯވާޑުން ހުއްޓުވުމައި ނަޕޯލީން ކާމިޔާބު ހޯދައި، ލިވަޕޫލް އަށްވުރެ މޮޅު ކުޅުމެއް މުޅި މެޗުގައި ވެސް ދެއްކިއިރު، އެ ޓީމު ކުރި މަސައްކަތުގެ ނަތީޖާ ލިބުނީ މެޗުގެ 90 ވަނަ މިނިޓުގައެވެ. ނަޕޯލީއަށް ފަހު ވަގުތު ލަނޑު ޖަހައިދިނީ ލޮރެންޒޯ އިންސީނިއޭ އެވެ.

ގްރޫޕް ސީ ގައި ކޮންމެ ޓީމަކުން ވެސް 2 މެޗު ކުޅެފައިވާއިރު، 4 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ނަޕޯލީއެވެ. ލިވަޕޫލް އާއި ޕީއެސްޖީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް 2 ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީއެވެ. ތާވަލުގެ ފުލުގައި އޮތް ރެޑް ސްޓަރ އަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް