ސައިކަލުތަކެއް ވަގަށްނެގި ހަތަރު މީހަކު ހައްޔަރުކޮށްފި

ސައިކަލުތަކެއް ވަގަށްނެގި ހަތަރު މީހަކު ތަފާތު ދެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ފުރަތަމަ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 މީހުންނަކީ 37 އަހަރު...

04 Oct 2015 | 08:27

ސައިކަލުތަކެއް ވަގަށްނެގި ހަތަރު މީހަކު ތަފާތު ދެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ފުރަތަމަ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 މީހުންނަކީ 37 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް ކަމަށެވެ. އަދި މިދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ.

"މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ  މި އޮކްޓޯބަރ މަހުގެ 03 ވަނަ ދުވަހުގެ 21:45 ހާއިރު މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް މުރަނގަ މަގާއި ހަނދުވަރީ މަގު ކަންމަތިން، އެސަރަޙައްދުން މީހަކު ސައިކަލެއްގައި އައިސް ފުލުހުން ފެނުމުން ދުވެ ފިލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެމީހުން ހުއްޓުވައި ބަލައި ފާސްކޮށް އެމީހުން ދުއްވި ސައިކަލް ބަލައި ފާސްކޮށްފައި، އަދި މިސައިކަލުގެ ތަޅު ހަލާކު ކޮށްފައި ވުމުން ސައިކަލް ވަނީ ޓޯ ކުރެވިފައި، އަދި މިދެމީހުން ވަނީ ސައިކަލް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ހާމަކުރެ އެވެ.

ދެވަނަ މައްސަލާގައި ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 28 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށާއި ދިދި ގޯޅިން ވަން ވޭ އާއި އިދިކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކު ހުއްޓުވައި ބަލައި ފާސްކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ ދެ ވަނަ ދުވަހުގެ 05:20 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

"މި ދެމީހުން ބަލައި ފާސް ކުރި އިރު އެދެމީހުން ދުއްވާން ތިބި ސައިކަލަކީ ވަގަށް ނަގާފައި ކަމަށް ތުހުމަތު ކުރެވޭ ސައިކަލެއް ކަމަށް ބެލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ސައިކަލް ގެނެވި މި މީހުން ވަނީ ބަލައި ފާސްކޮށްފައި، މީގެ ތެރެއިން އެކެއްގެ އަތުން މަސްތުވާތަކެތި ކަމށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓް ފެނިފައި ވެއެވެ. މިތަކެތި ފެނިފައިވަނީ އެމީހާގެ ފައިގައި އޮޅާފައި ހުރި އިންސްޓޮލޭޝަން ޓޭޕް ގަނޑެއްގެ ތެރެއިން" ފުލުހުން ހާމަކުރެ އެވެ.

މި ދެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތަރު މީހުންނަކީވެސް ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް