އައްޑޫ ސިޓީގައި ހިނގަމުންދާ ޓްރެފިކް އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކުވެސް އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަން ހިންގަން ފަށައިފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި އައްޑޫ ސިޓީގައި ހިންގާ ޓްރެފިކް އޮޕަރޭޝަންގައި ޢާއްމު ރައްޔިތުންނަށް އެއްގަމު ދަތުރު ފަތުރުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މަޢުލޫމާތު ދިނުމާ ދަތުރު ކުރާއިރު މީހާގެ ނަފްސަށާ މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ފުލުހުން ރައްޔިތުންނަށް ނަސޭޙަތްތެރި ވަމުން ގެންދާނެއެވެ. މީގެ އިތުރުން ދުވެލި މަޑުކޮށް ރައްކާތެރިކަމަށް އިސްކަން ދީގެން ދުއްވުމަށް ބާރު އަޅަމުން ގެންދާނެއެވެ.
މި މަސައްކަތާއެކު އައްޑޫ ސިޓީ ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެއްގަމު އުޅަނދުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ. މިގޮތުން ސަލާމަތީ ކަންކަން ފުރިހަމަ ނުވެ ހުންނަ އުޅަނދު އެކަންކަން ރަނގަޅު ކުރުމަށް ނަސޭޙަތްދިނުމުގެ އިތުރު ްބާރު ސްޕީޑުގައި ދުއްވަމުންގެންދާ އުޅަނދުތައް ހުއްޓުވައި އެފަދަ އުޅަނދު ދުއްވާ ފަރާތްތަކަށް ނަސޭޙަތްތެރި ވާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ފުލުހުން ފެށި މިމަސައްކަތާއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ އެކްސިޑެންޓުތައް މަދުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޤަބޫލު ކުރައްވާ ކަމުގައިވެސް އައްޑޫ ސިޓީ ކޮމާންޑަރު ވިދާޅުވިއެވެ. ކޮމާންޑަރު ވިދާޅުވީ ފުލުހުން ހިންގާ މި އޮޕަރޭޝަން ތަކަކީ ރައްޔިތުންނަށް ލިބިގެންދާ ދަތިކަމެއް ކަމުގައި ނުދެކި މިއީ ހެޔޮ ނިޔަތެއްގައި ކުރަމުންދާ މަސައްކަތެއް ކަމަށް ބަލައިގެން ފުލުހުންނަށް އެއްބާރުލުން ދެއްވައި ރައްޔިތުންގެ އެހީތެރިކަން ލިބިގެންދާނެކަމަށް ފުލުހުން އުއްމީދު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް