ގިނަ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ އިންޑިއާގެ ފަތުރުވެރިއަކު މަނީލޯންޑަރިން މައްސަލައެއްގައި ހައްޔަރުކޮށްފި

ގިނަ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ އިންޑިއާގެ ފަތުރުވެރިއަކަށް، މަނީލޯންޑަރ ކުރުމުގެ ތުހުމަތުކޮށް  އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ ރާއްޖެ އެތެރެވުމަށް ފަހު، ޖެ...

04 Sep 2024 | 18:47

ގިނަ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ އިންޑިއާގެ ފަތުރުވެރިއަކަށް، މަނީލޯންޑަރ ކުރުމުގެ ތުހުމަތުކޮށް  އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

އޭނާ ރާއްޖެ އެތެރެވުމަށް ފަހު، ޖެހިގެން އަންނަ ދުވަހު ފުރާކަމަށް ކޯޓު އަމުރުގައި  ފާހަގަކޮށްފައެވެ. މި މައްސަލައިގައި ބަންދުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުއްލް ރަގޫބު ނިސްތާރު ހަލީމް ރަހްމާން (27) އެވެ.

ި އޭނާގެ ވަކީލު ވަނީ އޭނާ ހައްޔަރުކުރީ ރަގަނޅަށް ނޫންކަމަށް ބުނެފައެވެ. އެގޮތުން، އޭނާ މުއްދަތު ޖެހުމަށް ހާޒިރުކުރީ24 ގަޑިއިރު ފަހަނައަޅައި ދިޔަފަހުން ކަމަށް ވަކީލު ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ފުލުހުން ބުނީ އޭނާ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތު ކުރެވުނު ހިސާބުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ހައްޔަރުކުރެވުނު ވަގުތުން ފެށިގެން24 ގަޑިއިރުތެރޭ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ވާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އޭނާ އަތުން ހިފަހައްޓާފައިވާ ފައިސާއަކީ ސައްހަ ގޮތުގައި ހިފަހައްޓާފައިވާ ފައިސާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑާކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަމަށް ބުނެ، އޭނާގެ ވަކީލު އެދުނީ ހަރުކަށި ޝަރުތުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އެހެން ނަމަވެސް ފުލުހުން ބުނީ އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާކަމަށާއި އެއީ އެހެންމީހުން އޭނާއަށް ހަވާލުުކުރި ޑޮލަރުކަން ދޭހަވާފަދަ ލިޔުންތަކެއް އޭނާގެ އަތުން ފެނިފައި ވާކަމަށެވެ. އަދި އޭނާގެ ނަން ވެސް ޕާސްޕޯޓުން ބަދަލުކޮށްފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބޮޑު ޖިނާއީ މައްސަލައަކަށް ވުމުގެ އިތުރުން، އޭނާއަށް އެ ފައިސާ ލިބިފައިވާގޮތެއް ފުލުހުންނަށް ސާފުކޮށް ނުދެވުމުން އަދި މީނާގެ ޓްރެވަލް ހިސްޓޮރީއަށް ބަލާއިރު ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ގާޒީ ނިންމީ އޭނާ ފަސް ދުވަހަށް ބަންދު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް