ޔާމީނު ދޫކޮށްލަން ގޮވާލި އެއްވުމުގައި މެޑަމް ފާތުންނާއެކު ނަޝީދު ބައިވެރިވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަން ގޮވާލި އެއްވުމުގައި ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މެޑަމް...

04 Sep 2023 | 17:47

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަން ގޮވާލި އެއްވުމުގައި ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މެޑަމް ފާތުން ނުކުމެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ)ގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދާއެކު ޖަގަހަ ޖަލްސާގައެވެ.

މެޑަމް ފާތުން ރިޔާސީ ހަރަކާތަކަށް ނުކުމެވަޑައިގަތީ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި މިއީ މުއިއްޒުގެ ކެމްޕޭނުގައި މެޑަމް ފާތުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މަގުމަތިން މެޑަން ފާތުންނާއި ނަޝީދު ދިމާވެއެވެ. އަދި ސަލާމް ކުރައްވައެވެ.

އޭރު ޔާމީނުގެ ސަޕޯޓަރުން ދިޔައީ ޔާމީނު ދޫކޮށްލުމަށާއި މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެހެންކަމުން ނަޝީދުވެސް ވަނީ އެމީހުނާ ބައިވެރިވެ އަޑު އުފުލާފައެވެ. އަދި އިރުކޮޅަކުން އެ ސަރަހައްދު ދޫކޮށް ވަޑައިގަންނަވާތަން ފެނެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި، ނަޝީދު ޑިމޮކްރެޓްސްގެ ޖަގަހައަށް ވަޑައިގެންނެވި މަގުމަތީގައި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާވެސް ދިމާވެއެވެ. އަދި ޕީޕިއެމް ސަޕޯޓަރުންވެސް އުފާފާޅުކޮށް ނަޝީދުއާ ސަލާމް ކުރެއެވެ.

މުއިއްޒުގެ ކެމްޕޭނަށް މެޑަމް ފާތުން ނުކުމެވަޑައިގެންފައި މިވަނީ، އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ޔާމީން ބައްދަލު ކުރެއްވި ކަމަށް އަޑު ފެތުރިފައިވާ ވަގުތެއްގައެވެ. ނަމަވެސް އެކަން ދޮގުކޮށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބަޔާނެއް ނެރިފައެވެ.

އެ ބަޔާނުގައި އިދިކޮޅުން ބުނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނުއާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ބައްދަލު ކުރި ކަމަށް ފެތުރު ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ރައީސް ޔާމީނު ވިދާޅުވެފައި ވާތީ، މުއިއްޒަށް ވޯޓު ދެއްވުމަށް ޔާމީނު އެދިވަޑައިގެންފައި ވާނީ އެކަން ހަޖަމު ނުވެގެން ދައްކާ ދޮގު ވާހަކައެއް ކަމަށް އިދިކޮޅުން ބުންޏެވެ.

އަދި އެ ކޯލިޝަނުން ބުނީ އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަން މެމްބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

“އަދި މި ހަބަރު ފެތުރުމުގެ އަޑީގައި އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތް” އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން އެ ޕާޓީގެ ސަޕޯޓަރުންގެ ކިބައިން އެދިފައި ވަނީ މިފަދަ ދޮގު ވާހަކަތަކުގައި ނުޖެހުމަށާއި ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެނޑިޑޭޓް ޑރ. މުއިއްޒާއެކު ސާބިތުވެ ތިބުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް