ޑރ. މުހައްމަދު މުއިއްޒުއަކީ ފަށާ ކޮންމެ ކަމެއް ބަރާބަރަށް ނިންމާ، އަޒުމް ވަރުގަދަ މީހެއް ކަމަށާއި އެއީ ފެށި ކަމެއް ނިންމައި، ކުރިމަތިލީ ކޮންމެ ކަމަކުން ވަނަ ހޯދާ މީހެއް ކަމަށް މުއިއްޒުގެ ދޮންބައްޕަ އާދަމް އަބްދުއްރަހްމާން ބުނެފިއެވެ.
'ޒީ ޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި އާދަމް ބުނީ، މުއިއްޒުއަކީ ކިޔެވި ދުވަސްވަރު ރަން ވަނަތައް ހޯދާފައިވާ މީހެއް ކަމަށެވެ. އަދި ކުރިމަތިލާ ކަންކަމުގައި ނިމެންދެން ހިތްވަރު ކުރާ މީހެއް ކަމަށެވެ. އެގޮތުން މިހާރު ސިޔާސީ މައިދާނަށް ނުކުމެ މާލޭ މޭޔަރުކަންވެސް ހޯއްދަވާފައިވާކަމަށް އާދަމް ފާހަގަ ކުރިއެވެ.
މުއިއްޒު ކުޑައިރުގެ ހަނދާން އާކުރަމުން އާދަމް ބުނީ، ބައެއް ދުވަސްދުވަހު ސްކޫލު ނިމުމުން މުއިއްޒު ގޮވައިގެން ބައިސްކަލުގައި ގެއަށް ގެންދާ ކަމަށެވެ. އޭރު ސްކޫލު ކައިރީ ޑޮންޑޮން ވިއްކަން ހުންނާތީ، އިންޓަވަލް ގަޑީގައި އެ ގަންނަން މުއިއްޒު މަންމަ ދޭނީ ދެ ރުފިޔާ ކަމަށް އާދަމް ބުންޏެވެ. އެއީ އެއް ރުފިޔާއަށް ޑޮންޑޮންފުޅި، އަނެއްރުފިޔާއަށް ދެ ބަނަސް ލިބޭތީއެވެ.
އެ ކައިގެން އަދި އިތުރަށް ބަނަސް ބޭނުންވެފައި ހުންނަކަން އެނގިގެން ކޮންމެ ދުވަހަކު މުއިއްޒު ގެއަށް ގެންދަނީ އިތުރު ދެ ބަނަސް ކާންދީގެން ކަމަށް އާދަމް ބުންޏެވެ.
"އަޅުގަނޑު ދާ ދުވަހަކު އެ ލިބޭނެ. އެހެންވީމަ އަޅުގަނޑަށް ވަރަށް އިންތިޒާރުވެސް ކުރާނެ" ކުރީގެ ހަނދާންތައް އާކުރަމުން ހިނިތުންވެ އިނދެ އާދަމް ބުންޏެވެ.
އޭރު މަގުތަކުގައި ގާ ނުޖަހާތީ ހުންނާނީ ފެންބޮޑުވެފައި ކަމަށް އާދަމް ބުންޏެވެ. އެހެންކަމުން މުއިއްޒު ގޮވައިގެން ގެއަށް ދަނީ ބައިސްކަލުގައި ކޮޅަށް ބަހައްޓައިގެން ކަމަށް ބުންޏެވެ.
އެފަދައިން ގޮސް މުއިއްޒުގެ ސްކޫލު ދައުރު ނިމުމާއެކު، މުއިއްޒުގެ ބައްޕަ ކައިރިއަށް ފޮނުވަން އެދުނު ކަމަށް އާދަމް ބުންޏެވެ. މުއިއްޒުގެ ބައްޕަޔަކީ ތައުލީމީ އަދި ކިޔަވައިގެން ހުރި ޝޭޚެއްކަން އާދަމް ފާހަގަކުރިއެވެ.
އޭރު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި އިމާމުވެ ހުކުރު ކުރައްވައި، ދީނީ ފޮތްތައްވެސް ލިޔެ، ޚުޠުބާ ލިޔެ ހަދާ އިލްމުވެރިއެއްކަމަށްވެސް އާދްމް ވިދާޅުވިއެވެ.
މުއިއްޒު މަތީ ތައުލީމާ ހިސާބަށް ދިއުމުން، މުއިއްޒުގެ ބައްޕަ ކައިރިން ފޮނުވަން އެދުމާއެކު، އާދަމް މެންނަކީ އެހާ ފޯރުންތެރި ބަޔަކަށް ނުވާތީއާއެކު މުއިއްޒު ފޮނުވަން ނިންމީ ކަމަށް އާދަމް ބުންޏެވެ.
އާދަމް ބުނީ އޭރުވެސް މުއިއްޒު ބައްޕަޔަކީ ވަރަށް ތަނަވަސްކޮށް އުޅޭ މީހެއް ކަމަށެވެ.
"މި ގެ، ދިމްޔާތުގަ ހަމަ އޭރުގަ މާލޭގަ ހުރި އެންމެ ރަނގަޅު ގެސްޓްހައުސް ގޮތަށް ވަރަށް ބައިވަރު ރޫމުތައް ހުރި ތަނެއް، 30 ވަރަކަށް ރޫމް އޭރުގައިވެސް ހުންނާނެ." އާދަމް ބުންޏެވެ.
އާދަބް ބުނީ މުއިއްޒު ބައްޕަޔަށް ވަރަށް ރަނގަޅަށް ހަރަދު ކޮށްދެވޭނެ ކަން އެކަން ގަބޫލުކޮށް، މުއިއްޒު ބައްޕަ އެދިގެން ފޮނުވީ ކަމަށެވެ. މުއިއްޒުއަކީ ކިޔަވާ ހިތުން ހުރި ކުއްޖެއްކަން އެނގޭތީ، އިންކާރު ނުކޮށް މުއިއްޒު ބައްޕަ ކައިރިއަށް ބަދަލުކުރީ ކަމަށް އާދަމް ބުންޏެވެ.
އޭގެ ފަހުންވެސް ވަނައަކުން ވަނައަކުން މައްޗަށް ދަމުން ދަމުން ގޮސް ބޭރުގައި ކޯސްތައް ނިންމާފައި ވާކަން އާދަމް ފާހަގަ ކުރިއެވެ. އަދި އާދަމް ވަނީ، ކޯސްތައް ފުރިހަމަ ކުރާއިރުވެސް ލިބެމުންދާ ވަނަތައް މުއިއްޒުގެ މަންމައަށް ކިޔައިދޭ ހަނދާން އާކޮށްފައެވެ.
އާދަމް ކުރާ އުންމީދަކީ މީގެ ކުރިން މުއިއްޒު ކަންކަން ހާސިލް ކުރި ފަދައިން މިހާރު ކުރިމަތިލާފައިވާ މަގާމުވެސް ކާމިޔާބު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް