ހުވަދު އަތޮޅު ގުޅާލާ، ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރްޓީއެލް) ގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށުމުގެގޮތުން ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކެބިނެޓް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ ވަޢުދުފުޅެކެވެ. އެގޮތުން މި ވަޢުދުފުޅު ތަންފީޒުކުރުމަށް ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށި، ބޮޑުތިލަދުންމަތި އާރްޓީއެލް ފެރީ ވިއުގައިން ގުޅާލާފައެވެ.
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. ދެވަނަ ފިޔަވަހީގެ ދަށުން، ޒޯން 2 ގެ ޅ. އަތޮޅަށާއި، ޒޯން 5ގެ ގއ. އަދި ގދ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ.
ޒޯން 5 ގައި ހިމެނޭ ރައްތަކާއި ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގެ ރައްތައް ގުޅާލެވޭ ހައިވޭ ލިންކްގެ ޚިދުމަތްވެސް މިހާރު ވަނީ ފަށާފައެވެ.
މިހާރު ހުވަދު އަތޮޅުގައި އާރްޓީއެލް ރަސްމީކޮށް އިފްތިތާހު ކުރުމާއެކު އެއަތޮޅުތަކުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އާރްޓީއެލް ފެރީ ޚިދުމަތުގައި ބޭނުންކުރަމުންދާ ފެރީތަކަކީ ދުވެލި ބާރު، އެއާކޯން ކޮށްފައިވާ ފެރީތަކެކެވެ. އަދި މި އުޅަނދުފަހަރު ފަރުމާ ކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަ ވާނެ ގޮތަށެވެ. އަދި އުޅަނދުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުރެއެވެ.
މިއީ ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާ، ރާޅަށް ރިއާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް ގަދަ އުޅަނދު ތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް