ވޯޓުލާން ގެންދެވޭނީ އާދައިގެ ނޫ ނުވަތަ ކަޅު ގަލަމެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ގެންދެވޭނީ އާދައިގެ ނޫ ނުވަތަ ކަޅު ގަލަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީއިން މިއަދު ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވަނީ ...

04 Sep 2023 | 08:12

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ގެންދެވޭނީ އާދައިގެ ނޫ ނުވަތަ ކަޅު ގަލަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން މިއަދު ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވަނީ ތިންކަމެއް ނިންމާފައިވާގޮތް ހިއްސާ ކޮށްފައެވެ. އެއީ:-

  1. އަމިއްލަ ގަލަމެއް ގެންދާނަމަ އާދައިގެ ކަޅު ނުވަތަ ނޫ ގަލަމެއް ގެންދިއުން
  2. ވޯޓުލާން އެއް ފާހަގައަށް ވުރެ ގިނަ ފާހަގަ، ނިޝާން، ލިޔުން، ކުރެހުން ހުރެއްޖެ ނަމަ ވޯޓު ބާތިލުވާނެ ކަން
  3. ވޯޓުލާ ބޫތު މިފަހަރު ހުންނާނީ، މީހާ ވޯޓުލާއިރު ފުރަގަސް ފެންނަ ގޮތަށް ކަން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ބައެއް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އީސީން މަޝްވަރާ ކުރުމަށްފަހު ނިންމާފައިވާ މި ތިން ކަންތައް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައީ އީސީން ވަނީ އޮޅުންފިލުވައިދީފައެވެ.

އެގޮތުން އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ގާނޫނު އަސާސީގައި އީސީގެ މައްސޫލިއްޔަތުގެ ގޮތުގައި އޮތީ އިންތިހާބުތަކުގެ ކަންކަން ހިނގަނީ އިންސާފުވެރިކަމާއި މިނިވަންކަމާއެކީގައި އެއްވެސް ނުފޫޒެއް ނެތި، އެމީހަކު އިހުތިޔާރު ކުރާ މީހަކަށް ވޯޓު ލުމުގެ މިނިވަންކަން އޮންނަ ގޮތަށް ކަން ކަށަވަރު ކުރުމަކީ އީސީގެ ޒިންމާއެއްގެ ގޮތުގައި ހިމަނާފައި ކަމަށެވެ.

ލަފާދޭ ކޮމިޓީގައި ސިޔާސީ ޕާޓީތަކުން ހުށަހެޅި މައްސަލައަކީ، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް އަތުވެދާނެ ކަމަށް ބައެއް ޕާޓީތަކަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅޭ މައްސަލަތަކެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

އެގޮތުން، ލަފާދޭ ކޮމިޓީގަ ބައިވެރިވި ގާތްގަނޑަކަށް ހުރިހާ ޕާޓީތަކުންވެސް އިއްތިފާގުވާ ކަމަކީ، ހުށަހެޅުއްވި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނުން ވަރަށް އަވަހަށް ގޮތްތަކެއް ނިންމަން ޖެހޭނެކަން ކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން އެކަމާ ގުޅިގެން އެ ކޮމިޝަންގެ ގާނޫނީ ޓީމާ ބައްދަލުކޮށް، ގާނޫނުން ބުނަނީ ކީކޭތޯ މަޝްވަރާ ކުރި ކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިންތިހާބުތަކުގައި ލަނީ ސިއްރު ވޯޓެއް ކަށަވަރު ކުރުމަށްޓަކައި އީސީން އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވެސް، ސިއްރުކަން ހިފަހައްޓަން ޖެހޭކަމުގެ އިބާރާތް ކޮށްފައި ވެއެވެ.

އެހެންކަމުން އިންތިހާބުގައި ދެވޭ ވޯޓަކީ ސިއްރު ވޯޓެއްކަން ރައްޔިތުންނަށް ޔަގީންވާން ޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ، ވަކި ކުލައެއްގެ ގަލަމަކުން ފާހަގަ ޖެހުމަށް ރާވަމުން ދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް އީސީން ނިންމާފައި ވަނީ ވޯޓުލާން ގެންދެވޭނީ ކަޅު ނުވަތަ ނޫ ކުލައިން ލިޔެވޭ ގަލަމެއް އެކަނި ކަމަށެވެ.

އެހެންކަމުން ވޯޓުލާން ދާ މީހަކު މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް ވޯޓިން ބޫތުގަ ގަލަމެއް އޮންނާނެ ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅީ އެ ގަލަމުން ވޯޓު ލުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ދެވަނަޔަށް ޕާޓީތަކުން ހުށަހެޅި މައްސަލައަކީ، އެއް ފާހަގަޔަށްވުރެ ގިނަ ފާހަގަ ޖަހާ މައްސަލައެވެ. އެކަމަށް ހައްލެއް ގެނައުމަށް އީސީން ނިންމާފައި ވަނީ، ރަނގަޅު އެއް ފާހަގަޔަށްވުރެ ގިނަ ފާހަގަ، ނިޝާން ނުވަތަ ކުރެހުން ފަދަ އެއްވެސް އެއްޗެއް އޮވެއްޖެނަމަ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށެވެ.

މީގެ އިތުރުން އީސީން ބުނީ، ވޯޓުލާ މަރުކަޒުގައި ބަހައްޓާ ބޫތު ހުންނަ ގޮތް މިފަހަރު ބަދަލު ވާނެ ކަމަށެވެ. އެގޮތުން ވޯޓުގައި ފާހަގަ ޖަހާ މީހުން ތިބޭނީ ފުރަގަހުން ފެންނަ ގޮތަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް