ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ 10 އަހަރުކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫޢު ނިންމައި، އެތަން ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދައްކާލައިފިއެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތުގައި، އެތަން ބަލާލަން ދިޔަ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް މަރުހަބާ ދެންނެވީ ދިފާއީ ވަޒީރު، މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.
ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅުނު "ސިފްކޯ ހިޔާ" ގެ މަޝްރޫޢުއަކީ، ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި، ސިފައިންގެ އެތައް އާއިލާތަކެއްގެ އުންމީދުތަކާ ގުޅިފައި އޮތް ހުވަފެނީ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް އެކިއެކި ކޮންޓެކްޓަރުންނާ ހަވާލު ކުރެވި، މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައި މިވަނީ، ސަރުކާރުން މި މަޝްރޫޢު އަވަސްކަމާއެކު ނިންމުމަށް ދެއްވި އިސްކަމާއި ދިފާޢީ ވަޒީރާއި ސިފައިންގެ އިސް ލީޑަރޝިޕުން، އަވަސް މިނެއްގައި ތަނުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބާރު އަޅުއްވައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މިގޮތުން ކުރެއްވި މަސައްކަތްތަކުން މިހާރުވަނީ "ސިފްކޯ ހިޔާ"ގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިމިފައެވެ.
އެގޮތުން ފްލެޓުގެ ކޮޓަރިތަކާއި ބަދިގޭގެ ކަބަޑު ސެޓުތައް ވެސް ފުރިހަމަކޮށް ނިންމާފައިވާއިރު، ބަދިގެ ކަބަޑު ސެޓުގައި އަވަނާއި މައިކްރޯ ވޭވާއި އުނދުނުގެ އިތުރުން ހުޑް ވެސް ވަނީ ހަރުކޮށް ނިންމާފައެވެ. އަދި ފްލެޓްގައި އޭސީއާއި ހީޓަރު ހަރުކޮށް، ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް މިހާރު ލިބެން ހުރިއިރު، އެ ޓަވަރުތަކުގެ ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މީގެ އިތުރުން، ފުރިހަމައަށް ބޭނުންކުރެވޭ ހާލަތަށް ފްލެޓުތަކުގެ ލިފްޓްތައް ސަރވިސްއަށް ގެނެވިފައިވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދިނުމަށް ދިރާގާއި އުރީދޫއާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ފްލެޓްގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށް ޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން، ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައް ވެސް ވަނީ ހަރުކުރެވިފައެވެ.
"ސިފްކޯ ހިޔާ"ގެ މަސައްކަތްތައް ނިމިފައިވާތީ، ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ފްލެޓްތައް އެލޮކޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
"ސިފްކޯ ހިޔާ"ގެ މަޝްރޫޢު ނިމުމާއެކު ސިފައިންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ އުނދަގޫ ދަތި ހާލަތަށް، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް