ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު އަލަށް ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް)ގެ އިމާރާތް ކުރަން ކުރި ހަރަދާއި އިމާރާތް ހުރިގޮތަށް ކިޔަމުންދާ ފާޑުކިޔުންތަކަށް އެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ދީފި އެވެ.
އެތަނަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ ވަގުތީ އިމާރާތްތައް ހަދާ ގޮތަށް، އެތަން ޓިނުން ހަދާފައި ހުރުމުންނެވެ. ބޮޑު ހަރަދުކޮށްގެން ހަދާ ފައިވާ ތަން ސްކޫލެއް ވައްތަރު ނުޖަހާ ކަމަށް ބުނެ އެވެ.
ބައެއް މީހުން ބުނީ ކުޑަ ބިންކޮޅެއްގައި އެއަށްވުރެ ރަނގަޅަށް ސްކޫލެއް ހެދެން އޮއްވަ ބިމުގެ ނާޖައިޒް ފައިދާ ނަގާފައިވާ ކަމަށެވެ.
މިވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބިމަކީ 23 މިލިއަން ރުފިޔާއަށް ދެ ޕްރީ ސްކޫލް އަޅަން އެޗްޑީސީން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލު ކުރި ތަނެއް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް އެތަނުން އެއް ބިމުގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް އެޅީ ފޭސް ދޭއްގައި އިތުރުވަމުން އަންނަ ސްކޫލް ކުދިންގެ އާބާދީއަށް ބަލައި ލުއި ފަސޭހަ ގޮތްތަކެއް ހަދައި ދިނުމަށް ކަމަށެވެ.
އެ ދެ ސްކޫލު ވެސް ނިންމަން ޖެހެނީ 165 ދުވަހުގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް އެއް ސްކޫލު ހުޅުވީ ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އަވަހަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.
މި ސްކޫލްގައި ކިޔަވައިދެނީ އެލްކޭޖީން ފެށީގެން ގްރޭޑް ހަޔަކާއި ހިސާބަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ކޭޕީއެސްގައި އެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ އެއްވެސް ކަމެއް މަދު ނުވާނެ ކަމަށެވެ. އެގޮތުން ޓީޗަރުންނާއި ވަސީލަތްތަކާއި ކްލާސް ރޫމްތަކުގެ ޖާގަ ރަނގަޅުވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތި ނުވެ، ކިޔެވުން ނުގެއްލޭނެ ގޮތަށް މި ދިރާސީ އަހަރު ސްކޫލުތަކުގައިވާ ޖާގައިގެ ދައްޗަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުން މިހާރު ވެސް އަންނަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލުތަކެއް އެޅުމަށް މަސައްކަތް ކުރަމުން ކަމަށާއި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭ ދެ ސްކޫލު އަޅާނެ ކަމަށެވެ. އެގޮތުން ސަލާހުއްދީން ސްކޫލުގެ ނަމުގައި އަޅާ ފުރަތަމަ ސްކޫލު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށާއި އަނެއް ސްކޫލު އަންނަ ދިރާސީ އަހަރަށް ހުޅުވޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ އެ ދެ ސްކޫލު ހުޅުވުމާއެކު ދެ ވަނަ ފިޔަވަހީގައި 6،000 ދަރިވަރުންނަށް ޖާގަ އިތުރުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް