ފ. ބިލެއްދޫގައި ބިދޭސީންތަކެއް ހިންދޫ އަޅުކަމުގައި ރަށު ތެރޭގައި ހިނގި މައްސަލައިގަ ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
އެކަން ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމުގެ މައުލޫމާތުއެ ރަށު ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކަށް ލިބުނީ އެރޭގެ ވަގުތެއްގައި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރީ ބިލެއްދޫގައި އުޅޭ ބިދޭސީންތަކެއް އަޅުކަން ކުރުމަށް ބުދެއް ހަދައިގެން އުޅޭ ކަމަށެވެ.
އެ މައްސަލައިގަ ހައްޔަރު ކުރީ 27 އަހަރާއި 37 އަހަރު އަދި 39 އަހަރުގެ ބިދޭސީންނެވެ. މިމީހުން ހައްޔަރި ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގަށް 10 ދުވަހު ބަންދުގައި ބޭތިއްބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ބިލެއްދޫ ކައުންސިލުން ބުނީ އެ ދުވަހު އެމީހުން ގެންގުޅުނު ބުދު ވަނީ ކަނޑު ފައްތާފައި ކަމަށެވެ. އެކަން ފަޅާ އެރުމުން ފުލުހުން ދިއުމުގެ ކުރިން އެ ރަށު ބަޔަކު ވަނީ ބުދު ހޯދުމުގެ ނަމުގައި އެ ބިދޭސީންތައް އުޅޭ ގެއަށް ވަދެ ފޮށިތަންމަތި ބަލާ ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް