އެހީ ލަސްވެގެން ވިއްސާރައިގަ ހާލުގައި ޖެހިފަ ތިބި މީހުން ޕާކިސްތާނު ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރަނީ

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ އެ ގައުމުގައި ހާލުގައި ޖެހިފައިތިބި އެތައް މިލިއަން ބަޔަކު އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ. ޖޫން މަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގ...

04 Sep 2022 | 15:29

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ އެ ގައުމުގައި ހާލުގައި ޖެހިފައިތިބި އެތައް މިލިއަން ބަޔަކު އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.

ޖޫން މަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް 1،200 އަށްވުރެ ގިނަ މީހުން މަރުވެ، 33 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައި އެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޓެންޓުތައް އަޅަމުންދާއިރު އަދިވެސް މިލިއަނަކަށްވުރެ ޓެންޓު ބޭނުންވާ ކަމަށްވެ އެވެ.

އެކަމަކު އަދިވެސް ގިނަ ބަޔަކު ވަގުތީ ބޯހިޔާވަކިކަންވެސް ނުލިބި މަގުމަތިވެފައިތިބި އިރު ހާލުގައި ޖެހިފައިވާ މީހުންގެ ޝަކުވާއަކީ ޕާކިސްތާނު ސަރުކާރުން އެމީހުންނަށް އަޅާނުލުމެވެ. ބައިނަލްއަގުވާމީ މީޑިއާގައި ވާހަކަ ދެއްކި މީހުން ބުނީ އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އަންނައުނު ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށް ބުނާތާ ހަފްތާއެއްވެފައިވާއިރު ލިބިފައި ނުވާ ކަމަށެވެ.

އަދި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ މަގުތައް ކިސަޑުވުމުގެ ސަބަބުން މަދިރީގެ ޒަރީއާއިންނާއި ތަގައްޔަރުވެފައިވާ ފެނުގެ ޒަރީއާއިން ޖެހޭ ބަލިތައް އިތުރުވަމުންދާއިރު އެކަމުން ސަލާމަތްވެވޭނެ މަގެއްވެސް ސަރުކާރުން ދައްކައި ދެމުން ނުދާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ރައްޔިތުން ބުނީ އެމީހުން ކަރަންޓާއި ސާފު ބޯފެނާއި ނުލައި އުޅޭތާ ހައެއްގައި ދުވަސްވެފައިވާ ކަމަށެވެ. ސަރުކާރުގެ އަޅާލުން ނުލިބޭ މައްސަލައިގަ ވަގުތީ ހިޔާތައް ޖަހާފައިވާ ގިނަ ސަރަހައްދުތަކެއްގައި ވަނީ ޕާކިސްތާނު ސަރުކާރާއި ދެކޮޅަށް އަޑު އުފުލުން އިތުރުވެފައި އެވެ.

އިހުތިޖާޖު ކުރާ މީހުން ބުނަމުން ދަނީ ބައިނަލްއަގުވާމީ އިދާރާތަކާއި ގައުމުތަކުން ޕާކިސްތާނަށް އެހީވަމުންދާކަމުގެ މައުލޫމާތު ބަރާބަރަށް ލިބޭ ކަމަށެވެ. އެކަމަކު އޭގެއް އެއްވެސް އެއްޗެއް ހާލުގައި ޖެހިފައިވާ މީހުންނަށް ނުލިބެނީ ކީއްވެގެންކަން އިނގެން ޖެހޭ ކަމަށެވެ.

މިހާތަނަށް ޕާކިސްތާނަށް އެހީ ދީފައިވާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ސައުދީ އަރަބިއްޔާ، ޗައިނާ، އެމެރިކާ އަދި އދ. ހިމެނެ އެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ވިއްސާރައިގަ އެ ގައުމުގެ ތިން ބައިކުޅަ އެއްބައިގަ ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި މި މަހުވެސް ވިއްސާރައިގަ ބޮޑެތި ގެއްލުން ވާނެ ކަމަށް ލަފާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް