ގާކޮށި ފްލެޓުގެ ބައެއް އެޕާޓްމެންޓުތަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންވަމުންދާކަމުގެ ޝަކުވާއަކީ އަބަދުވެސް އިވޭ އަޑެކެވެ. އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ކުރަމުން އަންނަ މި ޝަކުވާގެ އަޑު އަހާނެ ފަރާތެއް މިހައިތަނަށް ނެތްއިރު، މިހާރު ކުރަމުންދާ ވިއްސާރައިގާ ވެސް އެ އިމާރާތުގެ ބައެއް ފްލެޓުތަކުގައި ދިރިއުޅޭ މީހުން އަންނަނީ އެ ފްލެޓުތަކަށް ވަންނަމުންދާ ފެން ހިއްކަމުންނެވެ.
ދުވަހަށް މައުލޫމާތު ދެމުން ގާކޮށި ފްލެޓުގައި ދިރުއުޅޭ މީހަކު ބުނީ މިއީ ޢާންމުކަމެއް ކަމަށާއި އެތަނުގައި ދިރިއުޅެން ފެށީއްސުރެ މިކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. ވާރޭ ވެހެން ފަށައިފިނަމަ، އުޅެންޖެހެނީ ފެންހިއްކުމުގައި އަވަދިނެތި ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރުމެން މިކަން ކަމާބެހޭ ފަރާތްތަކަށް އެތައްފަހަރަކު ހުށަހަޅައިފިން. އެކަމަކު އަދިވެސް ހައްލެއް ނުލިބޭ. ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. ދެން ޖެހޭނީ އަމިއްލައަށް އެކަން ވެސް ހައްލުކުރަން." އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މެއިންޓެނަންސަށް ކޮންމެމަހަކު ވެސް ފައިސާ ނަގާ ކަމަށާއި އެކަމަކު އެތަނުގައި ހަތަރު އަހަރު ހޭދަކުރި އިރުވެސް ހައްލެއް ނުލިބޭ ކަމަށެވެ. އަދި އެޕާޓްމެންޓުތަކުގެ ތެރެއަށް ފެން ވަނުމުގެ ސަބަބުން ބައެއް އެޕާޓްމެންޓުތަކުގައި ކަރަންޓު ޝޯޓުވުމުގެ މައްސަލަ ވެސް ދިމާވާކަމަށް އޭނާ ބުންޏެވެ.
"ކަރަންޓު ޝޯޓުވީމަ އެވާ ގެއްލުމަށް ޒިންމާވާނީ ކާކުތޯ؟ ޒިންމާދާރުވާންޖެހޭ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ. ކޮމިއުނިޓީ ވައިބަރ ގްރޫޕުގަ ލިޔުނަސް އަޅައެއް ނުލާ." އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މެއިންޓެނަންސް ފީ ކޮންމެމަހަކު ވެސް ނަގާއިރު، މިފަދައިން އަޅާކުންކުޑަކުރުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް