އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރަށް މަހެއް ވަނިކޮށް އެކަމާއި ގުޅޭ ކުޑަ މައުލޫމާތެއް ފުލުހުން އާންމުކޮށްފި އެވެ.
އޭނާ މަރާލާފައި އޮއްވަ ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާ ނުވަ ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓަކުންނެވެ. މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް އެވެ.
އެ މައްސަލައިގަ ފުލުހުން ހަމަ އެކަނި ހާމަކުރި މައުލޫމާތަކީ ހައްޔަރު ކުރި މީހާ އާއި އޭނާ އެރޭ ހުރީ މަސްތުގެ ހާލަތުގައި ކަމެވެ. ލިބިފައިވާ އަނިޔާތަކާއި އިތުރު ތަފްސީލް އާއިލާއިން ދެކޮޅު ހަދާތީ ހާމަ ކުރުމަށް ދެކޮޅު ހެދީ އެވެ.
މިކަމާއި ގުޅިގެން މީޑިއާގައި މިއަދު ފުލުހުންނަށް ފާޑުކިޔުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓު މޯޓަމްގެ ނަތީޖާ ލިބި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ރިޕޯޓު ލިބުނީ މިދިޔަ މަހުގެ17 ގައި ކަމަށެވެ.
މި މައްސަލައިގަ ފޮރެންސިކް ތަހުލީލުތައްވެސް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މި މައްސަލައިގަ އާއިލާގެ އެދުމަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަނުކުރުމަކީ ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާ ކަމެކެވެ.
ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އަތާއި ފައި އަދި ކަރުވެސް އޮތީ ބުރިކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް