އޭދަފުށީގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމަށް ރައީސް އަރިހު ދަންނަވައިފި

އޭދަފުށީގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަރިހު، އެރަށު ކައުންސިލުން ދަންނަވައިފިއެވެ. ރައީސް އަރިހު މިފަދައިން ދެންނެ...

04 Sep 2022 | 12:03

އޭދަފުށީގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަރިހު، އެރަށު ކައުންސިލުން ދަންނަވައިފިއެވެ.

ރައީސް އަރިހު މިފަދައިން ދެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އޭދަފުށީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތައް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމަށް ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކާއި ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްޤީކުރަން ބޭނުންވާކަމާއި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަން ކައުންސިލު މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެރަށަށް ހޭންޑްބޯލް ކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އޭދަފުށީ ކައުންސިލާއެކު މީގެ ކުރިން އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން ސަރުކާރުން މިހާރު ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް