ޔޯގާ ހަމަނުޖެހުން: ޝިފާޒުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ. ކުދެހިގެ، މުހައްމަދު ޝިފާޒް 29, ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއ...

04 Sep 2022 | 10:44

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ. ކުދެހިގެ، މުހައްމަދު ޝިފާޒް 29, ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ އާދަމްއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާޒަކީ ޔޯގާ ހަމަނުޖެހުން ހިންގަން ގަލޮޅު ދަނޑަށް ވަން މީހެއް ކަމަށާއި ހަމަނުޖެހުމުގައި އޭނާ އަމަލީ ގޮތުން ބައިވެެރިވެފައިވާ ކަމަށެވެ.

އެދުވަހުގެ ހަމަނުޖެހުމާ ގުޅިގެން 25 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސާމާއީލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ހިމެނެއެވެ.

ޝިފާޒް ފިޔަވައި ޔޯގާ ހައްޔަރީން ދޫކޮށްލާފައިވާ އިރު، ބައެއް މީހުން ދޫކޮށްލާފައިވަނީ ބަންދުގައި މަހަކަށްވުރެ ގިނަ ދުވަސް ބޭތިއްބުމަށް ފަހުއެވެ.

ޝިފާޒަކީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރި ހަމައެކަނި މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް