އަހުސަން ބަޝީރުގެ މަރު: ޝަހުމްއަށް އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ސްޕްރީމްކޯޓަށް!

ސ. ހިތަދޫ/ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރާއި ގުޅިގެން ގ. ކޯޒީ/ އިބްރާހިމް ޝަހުމް އާދަމަށް އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ސްޕްރީމްކޯޓަށް ހުށަހަޅައިފިއެވެ. 2011 ވަނަ އަހަ...

04 Sep 2022 | 10:18

ސ. ހިތަދޫ/ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރާއި ގުޅިގެން ގ. ކޯޒީ/ އިބްރާހިމް ޝަހުމް އާދަމަށް އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ސްޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.

2011 ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީ މަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލައިގައި ޝަހުމަށް ހައިކޯޓުން މަރުގެ ހުކުމްކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ.

އެހެންނަމަވެސް މި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައެއް އަދިނުވެއެވެ.

ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހުށަހެޅީ ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ނުކުރުމުންނެވެ.

އެ މައްސަލައިގައި އަހުސަން މަރާލުމުގައި ބައިވެރިވި މއ. ވީނަސްތަރި/ ހަސަން ޝިމާޒަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވަނީ އަހުސަނަށް ހަމަލާދިން މަންޒަރު ފެނުނު ދެ މީހުންގެ ހެކިބަސް ލިބިފައިނުވާތީއެވެ.

އެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އަހުސަން މަރު މަތީގައި ބުނި ބަހަކީ "ވަޅި ޖެހީ ޝަހުމް އެންސީ ޖަރުމަނު" ކަމަށެވެ. އަދި ދައުލަތުން ބުނެފައިވަނީ އަހުސަނަކީ އަދުލުވެރިކަން ގެއްލިފައި ނުވާ މީހަކަށްވާތީ މަރުމަތީ ބުނި ބަސް ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަހުސަނަށް ހަމަލާ ދިން ތަން ފެނުނު ކަމަށް އިތުރު ހެއްކަކު ބުނެފައިވާ ކަމަށާއި ދެ ފިރިހެނުންގެ ހެކިބަސް ނެތަސް، އެހެން ހެކިތަކާއި ގަރީނާތަކުން ގަސްދު މަރެއް ސާބިތު ކުރެވިދާނެ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެގޮތަށް ހައިކޯޓުން ކުރިން މައްސަލަތައް ނިންމާފައި ހުރިކަން ދައުލަތުން ފާހަގަކުރިއެވެ.

ދައުލަތުން އެދުނީ ޝަހުމާއި ޝިމާޒުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ދިނުމަށެވެ.

އެ އަޑުއެހުމުގައި ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އަދި ޝިމާޒުގެ މައްޗަށް މީހަކު މަރާލުމުގައި އެހީތެރިވިކަމުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެގޮތަށް ކަނޑައެޅީ ޑައިން ޑިކްލެރޭޝަން ގަބޫލު ކުރެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާތީއާއި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމުން ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީއެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު ދެން ވަނީ އަހުސަންގެ ވާރިސުންގެ ބަސް ހޯދައިފައެވެ. ހުރިހާ ވާރިސުންވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް