ނިމިގެން ދިޔަ ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ އޭނާ ބޭނުން ވިގޮތަށް ކަންތައް ކާމިޔާބު ނުވެފައެވެ.. ޔޫރަޕްގެ ބޮޑު ހުރިހާ ކުލަބަކުން ވެސް ރޮނާލްޑޯއަށް ނޫނެކޭ ބުނެފައިވާއިރު، އޭނާއަށް އެންމެ ފަހުން ޖެހިފައިވަނީ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑުގައި މަޑުކުރާށެވެ.
ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވެގެން އެކަން ކުލަބަށް އެނެގި ހިސާބުން ފެށިގެންވެސް ޔުނައިޓެޑުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް ބުނަމުން އައީ ރޮނާލްޑޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށެވެ. އަދި އޭނާގެ ޕްލޭނުގައި ރޮނާލްޑޯ ހިމެނޭކަމަށް ތަކުރާރުކޮށް ޓެން ހާގް އައީ ބުނަމުންނެވެ. އެހެން ނަމަވެސް ޔުނައިޓެޑު އައު ސީޒަނުގެ ކުޅުން ފަށައިގެން މިހާތަނަށް ފަސް މެޗު ކުޅުނު އިރުވެސް އެންމެ މެޗަކުން ފިޔަވައި ރޮނާލްޑޯއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. ބްރެންޑްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން މެނުވީ ރޮނާލްޑޯއަށް ފުރުސަތު ލިބިފައިވަނީ ފަހު ހާފުގެ ފަހު 20 މިނެޓަށެވެ.
ޓެން ހާގް ބުނާ ގޮތުން ރޮނާލްޑޯ އޭނާ ބޭނުންވާ ސްޓައިލުގެ ކުޅުމެއް ނުދެއްކެއެވެ. އަދި އޭނާ ބޭނުންވާ ފުރަތަމަ އެގާރައަށް އަދި ފިޓެއް ނޫނެވެ. އެހެން ކަމުން ރޮނާލްޑޯއަށް ޖެހޭނީ ބުރަމަސައްކަތް ކޮށްގެން ޓެން ހާގު ބޭނުންވާ ސްޓައިލަށް ކުޅުން ފައްތާށެވެ. އެހެން ނޫނީ މި ސީޒަން ނިމުމާއި ހަމައަށް ވެސް ރޮނާލްޑޯ އަށް ބެންޗުގައި އިނުން ނޫންގޮތެއް ނެތެވެ.
ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ކޮންމެ ނިންމުމެއް ވެސް ނިންމާއިރު، ވަރަށް ގިނަ ގޮތްގޮތަށް ވިސްނަން ޖެހޭ ކަމަށެވެ. ޔުނައިޓެޑު ރަނގަޅު މިޝްރާބަކަށް ގެންދިއުމަކީ އެންމެ ބޮޑު ޒިންމާ ކަމަށާއި އެގޮތަށް ބޭނުންނަމަ އެންމެ ބުއްދިވެރި ގޮތަކީ އެވަގުތަކު އެންމެ ރަނގަޅަށް ފިޓްކޮށް ތިބި ކުޅުންތެރިންނާއި އެކު ފަށައިގަތުން ކަމަށް ޓެން ހާގް ބުންޏެވެ.
އިތުރަށް ޓެން ހާގް ބުނީ ކްލަބަށް، އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން ޖެހޭކަމަށާއި އަދި އެންމެ ރަނގަޅަށް ކުރިޔަށް ދެވޭނީ ކޮންގޮތަކުން ކިހިނެއްކަން ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި މިހާރު ފުރަތަމަ ސްޓާޓިން އިލެވަން އަށް ނެރޭ ކުޅުންތެރިންނަކީ އެންމެ ރަނގަޅު ފެށުން ކަމަށް ގަބޫލުކުރާ ކަމަށްވެސް ޓެންހާގް ބުންޏެވެ.
ރޮނާލްޑޯ އާއި ގުޅޭ ގޮތުން ޓެން ހާގް އިތުރަށް ބުނީ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށް ގަބޫލް ކުރާ ކަމަށާއި އެހެން ނަމަވެސް މިހާރު ކުލަބުގެ ހާލަތަށް ބަލާއިރު، ޓެން ހާގް ގެ ޕްލޭނަށް ރޮނާލްޑޯގެ ކުޅުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ޕްލޭނަށް ރޮނާލްޑޯ ފެތިއްޖެ ނަމަ ރޮނާލްޑޯގެ ފަރާތުން ތަފާތުތަކެއް ފެނިގެންދާނެ ކަމަށާއި، އެއީ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް ނުވާވަރުގެ ކަމެއް ނޫންކަމަށް ވެސް ޓެން ހާގް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް