ފްރާންސް ލީގުގައި ނަންޓެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ނަންޓެސްގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.
ނޭމާ އާއި ނުލާ ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވިއިރު، އެޓީމުން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ލިއޮނެލް މެސީއާއި ކީލިއަންް އެމްބާޕޭ ގުޅިގެން ޕީއެސްޖީއަށް ވަނީ ލީޑު ނަގައިދީފައެވެ. މެސީގެ ރީތި ޕާހަކުން ޕީއެސްޖީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކުރީ އެމްބާޕޭއެވެ. މި މެޗުގެ 54 ވަނަ މިނެޓުގައި ޕީއެސްޖީން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީވެސް މެސީގެ އެހީތެރިކަމާއި އެކު އެމްބާޕޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޕީއެސްޖީގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ޖެހީ ނޫނޯ މެންޑޭސްއެވެ.
ލީގުގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕީއެސްޖީ މިވަގުތު އޮތީ ލީގުގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް މާސޭއަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ފްރެންޗް ލީގުގެ ތިންވަނާގައި އޮތީ ލިއޯންއެވެ. އެޓީމު ތިންވަނާގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް