ބޭރު ބަޔަކާއި ގުޅިގެން ރާއްޖޭގައި ބައިނަލްއަގްވާމީ އެއާލައިނެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަކަމުގައި "މި" ނޫހުން ހާމަކޮށްފިއެވެ.
މިގޮތުން އެ ނޫހަށް އެނގިފައިވާކަމަށްބުނެ "މި" ނޫހުގައި ބުނެފައިވަނީ އަލަށް އުފައްދަން މަސައަތްކުރާ އެއާލައިނުން ފަށާނީ ލަގްޒަރީ ޕްރައިވެޓް ޕަސިންޖަރުން އުފުލައިދިނުމުގެ ހިދުމަތް ކަމަށާއި އެހެން ނަމަވެސް އަގުތައް ބޮޑުނުވާނެކަން އެ ނޫހަށް ރަނގަޅަށް އެނގިފައިވާކަމަށެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ދުބާއީ ކުންފުންޏަކާ ގުޅިގެން މި އެއާލައިން ފަށަން ތައްޔާރުވަނީ ރާއްޖޭގައި ރިސޯތް ހިންގާ އަދި ސަޕްލައި މުދާ ވިއްކާ ދިވެހި ބޮޑު ކުންފުންޏަކުންނެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މިކަމަށް ނަގަންޖެހޭ ހުއްދަތައް ނަގަން މިހާރު ހުށަހަޅާފައިވާކަމަށްވެސް "މި" ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ބައިނަލްއަގްވާމީ އެއާލައިނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި "މެގަ މޯލްޑިވްސް" ގެ ނަމުގައި އެއާލައިނެއްގެ ހިދުމަތް ފެށިއެވެ. ނަމަވެސް އެ އެއާލައިން ވަނީ މިހާރު ހުއްޓާލާފައެވެ.
ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުން އަންނަ އެއާލައިންތަކަކީ މޯލްޑިވިއަނާއި ވިލާގެ އިތުރުން މަންޓާ އަދި ޓީއެމްއޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް