މޫސުމީ ވިއްސާރައިގާ ޕާކިސްތާނުގައި ފެންބޮޑުވެ ހިނގަމުން އަންނަ ކާރިސާގައި މަރުވި މީހުންގެ އަދަދު 1200 އިން މައްޗަށް ގޮސްފައިވާއިރު ބައިނަލްއަގްވާމީ އިތުރު އަވަސް އެހީއަށް އެ ގައުމުން އެދިއްޖެއެވެ.
އެގޮތުން އެގައުމުގެ ފެޑެރަލް ޕްލޭނިން މިނިސްޓަރު އަހްސަން އިގްބާލު އިއްޔެ ބައިނަލްއަގްވާމީ އެކުވެރިންނަށް ގޮވައިލެއްވީ އިންސާނީ އަވަސް އެހީ އެ ގައުމަށް ބޭނުންވާކަމަށެވެ. ފެންބޮޑުވުމުގެ އަސަރު ކުރި މީހުންގެ އަދަދު 33 މިލިޔަނުން މައްޗަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު 1265 އަށް އަރާފައިވާކަމަށެވެ.
އެ ގައުމުން އިތުރު އަވަސް އެހީއަށް އެދި ގޮވާލާފައިވާއިރު މި ކާރިސާގެ ސަބަބުން 10 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ވާނެކަމުގައި އެ ގައުމުން އަންދާޒާ ކުރެއެވެ.
ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހޮނިހިރު ދުވަހު ހާމަކުރި ތަފާސްހިސާބަށް ބަލައިލާއިރު އެ ދުވަހު އެކަނިވެސް މި ކާރިސާގައި 57 މީހަކު މަރުވެފައިވެއެވެ. މި 57 މަރާއެކު ޖުމްލަ އަދަދު 1265 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 441 ކުޑަކުދިން ހިމެނެއެވެ.
މި ހާލަތުގައި ބޭރު ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ޕާކިސްތާނަށް އެކި ކަހަލަ އެހީތައްވެސް ފޯރުކޮށްދެމުންނެވެ.
ކޮންމެ އަހަރެއްގައިވެސް ޕާކިސްތާނަށް މޫސުމީ ވިއްސާރައާއި ފެންބޮޑުވުމާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން 1992 އިން ފެށިގެން މި އަހަރުގެ މިހާހަމައަށް 12 އަހަރެއްގައި މި ކާރިސާއާ އެ ގައުމުން ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް މި އަހަރަކީ މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރި އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް