އާޖެންޓީނާގެ ނައިބުރައީސް ކްރިސްޓީނާ ފަނޭންޑަޒް އަވަހާރަކޮށްލަން ދޭން އުޅުނު ހަމަލާއެއް ފެއިލްވެ ހަނިގޮތަކަށް އެކަމަނާ ސަލާމަތް ވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އެކަމަނާގެ ރަސްމީ ގެކޮޅު ކައިރިން ފިރިހެނަކު ވަނީ އެކަމަނާގެ ބޮލާ ދިމާކޮށް ބަޑިޖަހާ އެކަމަނާ އަވަހާރަކޮށްލަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެވަގުތު އެކަމަށް އެމީހާ ބޭނުންކުރި ފިސްތޯލަ މަސައްކަތް ނުކުރި ކަމަށާއި ވަގުތުން ނައިބުރައީސްގެ ސެކިއުރިޓީ އޮފިސަރުން އެމީހާ ހައްޔަރުކުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ފަހުން ރިޕޯޓްކޮށްފައިވާގޮތުގައި އެ މައްސަލައިގާ ހައްޔަރުކުރި މީހާގެ އަތުން ފެނުނު ފިސްތޯލައިގާ ހަތަރު ވަޒަން އިނެވެ. އަދި ނައިބުރައީސަށް އަމާޒުކޮށް ހަމަލާ ދޭން އުޅުނު މީހާ އެ ފިސްތޯލައިގެ "ޓްރިގަރަށް" އޮބައިލިނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ ފިސްތޯލަ މަސައްކަތް ނުކުރީކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ނައިބުރައީސް އަވަހާރަކޮށްލަން އުޅުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ ބްރެޒިލަށް ނިސްބަތްވާ، ކުރިން ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ހަމަލާ އޭނާ ދޭން އުޅުމުގެ މުރާދަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ތަހުގީގު ދަނީ ކުރިއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް