ކޯޓުގައި ހިނގާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން ރައީސް އޮފީހުގެ ޗީފް އޮސް ސްޓާފް އަލީ ޒާހިރު ގުޅުއްވައި ނުފޫޒު ފޯރުވާ ކަމަށް ކުރީގެ ދެ ފަނޑިޔާރަކު ވިދާޅުވެއްޖެ އެވެ.
މިހެން ވިދާޅުވީ ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި މަނީލޯންޑަރިންގެ ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން މިއަދު ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ގުޅިގެން މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަލީ ޒާހިރު، ފަނޑިޔާރުންނަަަށް ގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވަނީ އިންތިހާއަށް ކަަމަށާ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކޯޓްތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް އަލީ ޒާހިރު ގުޅުއްވަނީ ސީދާ ރައީސް ސޯލިހް އަންގަވައިގެން ކަމަށް އޭނާ ވިދާޅުވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ އެންމެ އަދުލްވެރި ހުކުމެއް ނޫން ކަމަށާއި އެކަން މިހާރު އާންމުވެފައިވާ އޯޑިތަކުން އިތުރަށް ކަށަވަރުވާ ކަމަށެވެ. ނަޖީބު ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ ވާހަކަ ދައްކަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް