ގިނަ ދުވަސްތަކަކަށް ފަހު ނިއުޒީލެންޑުގައި ކޮވިޑު ޖެހިގެން މީހަކު މަރުވެއްޖެ އެވެ.
އެގައުމުގެ ނޫސްތަކުން ބުނެފައިވަނީ މިއަދު މަރުވެފައިވަނީ ޢުމުރުން 90 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މިއީ ކޮވިޑު ބަލީގައި އެގައުމުން މީހަކު މަރު ނުވާތާ 6 މަސް ފަހުން މަރުވި މީހެއް ކަމަށެވެ.
މީގެ އިތުރުން އެމީހާއަކީ އިތުރު އެހެންބަލިތަކަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ ވޫހާން ސިޓީ އިން އުފަންވެ، މުޅި ދުނިޔެ އާލަމީ ވަބާއަކަށް މެދުވެރިވި ކޮވިޑް-19 ގައި ނިއުޒީލެންޑުން މިހާތަނަށް މަރުވެފައިވަނީ 27 މީހުން ނެވެ.
މިދިޔަ އޯގަސްޓު މަހު ކޮވިޑުގެ ޑެލްޓާ ވޭރިއެންޓަށް މީހަކު ޕޮޒިޓިވްވުމުން އެ ގައުމު މިހާރުވެސް އޮތީ ލޮކްޑައުން ގަ އެވެ. އަދި އެ ގައުމުގައި މިހާރު ބޮޑަށް ފެތުރެމުން ދަނީވެސް ޑެލްޓާ ވޭރިއެންޓެވެ.
އެ ގައުމުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، 20 މީހުން އިއްޔެ ޕޮޒިޓިވް ވެފައި ވާއިރު، މިހާރު އެ ގައުމުގައި މީހުން ޕޮޒިޓިވްވާ އަދަދުދަށް ދަނީ މަޑުމަޑުން ދަށްވަމުން ނެވެ.
ނިއުޒީލޭންޑުގައި ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށި ދުވަސްވަރު އެ ގައުމުން ދުވާލެއްގެ މަށްޗަށް އެވަރެޖު ގޮތެއްގައި 80 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.
ކޮވިޑު ފެތުރެން ފެށުމާއެކު އެ ގައުމުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، އެ ފިޔަވަޅުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ނަތީޖާއަކީ މިހާތަނަށް 2،748 މީހުން އެ ގައުމުން މި ބައްޔަށް ޕޮޒިޓިވް ވުމެވެ.
އެގައުމުގައި މިހާތަނަށް ގެންގުޅެމުން އައީ ”ޒީރޯ ކޮވިޑް“ ޕޮލިސީ ނަމަވެސް، ހާލަތު ގޯސްވެ، ކޭސްތައް ނުހިފެހެއްޓޭ މިންވަރަށް އިތުރުވާން ފެށުމުން އެ ޕޮލިސީ ދޫކޮށްލަން މަޝްވަރާ ކުރާ ކަމަށް ސިއްހާީ މާހިރުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް