ޕީޕީއެމްގެ "އައްޑަނަ" ޖަލްސާގައި އިންޑިއާއަށް ނިސްބަތްކޮށް އިދިކޮޅު އެކްޓިންގ ލީޑަރ އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޓްވިޓަރ މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސްކޮށް ވާހަކަ ދައްކަވާކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމު ކަމަށެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގެ އެންމެ އިސް ދައުރެއް ކުޅުއްވާ ގަމަކީ ވެސް އެއީ ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ބޮޑަށް އިންޑިއާ އަށް ފާޑުވިދާޅުވެ، އަދުރޭ ވަނީ ދިވެހި ކާބަފައިން ގެނެސްދިން ރާއްޖެއަކީ މިނިވަން އުފާވެރި އަދި ހަމަނުޖެހުމެއް ނެތް، އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރާއްޖެ އެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އިންޑިއާއާ ގުޅިގެން ރާއްޖޭގެ ވެރިކަން ވަގަށް ނަގާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަދުރޭ ވަނީ އިންޑިއާގެ އެހީގައި 2018 ވަނަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ ފައެވެ. އަދި މިއީ ދުނިޔޭގައި އަލަށް ހިނގި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަމިއްލަ ފައި މައްޗަށް ތެދުވާ ގައުމުތަކުގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރުމަކީ އާންމު ކަމެއް ކަމަށް ވެސް އަދޔރޭ ވަނީ ރޭ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް