ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ހުރި ކުށްތައް ރަނގަޅު ކުރަން އަންގައި، މައްސަލަ ބަލަން ފަށައިފި

ގްރޭޑް އެކެއްގެ ޤުރުއާން މާއްދާގެ ފޮތުގައި ހުރި ކުށްތައް ރަނގަޅު ކުރަން އަންގާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެކަން މީޑިއާގެ ސަމާލުކަމަށް ގެނައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެއިހް...

04 Sep 2021 | 09:40

ގްރޭޑް އެކެއްގެ ޤުރުއާން މާއްދާގެ ފޮތުގައި ހުރި ކުށްތައް ރަނގަޅު ކުރަން އަންގާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެކަން މީޑިއާގެ ސަމާލުކަމަށް ގެނައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެއިހް އަލީ ޒައިދު އެވެ. އޭނާ ވަނީ ކުށް ލިޔެފައިވާ ސޫރަތާއި އާޔަތްތައް ފާހަގަކޮށް ފޮޓޯ އާންމު ކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ދެ ސޫރަތެއް އެކުވެފައިވާ ކަން ސަމާލުކަމަށް އައިސްފަވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ ހިސާބުން އެކަން ހައްލުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) އިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މައްސަލަ ދިމާވި ސޮފުހާތައް ރަނގަޅުކުރަން އަމަލުކުރާނެ ގޮތް ސްކޫލްތަކާއި ހިއްސާކުރާނެ ކަމަށް ބުނެ އެވެ. ބެލެނިވެރިންނަށް އެ މައުލޫމާތު ދޭނީ ސްކޫލުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ފޮތްތަކަކީ އެންއައިއީ އާއި އިސްލާމިކް އެފެއާޒް އިން ބަލާފައިވާ ފޮތްތަކެއްކަން ފާހަގަކޮށްފައިވެ އެވެ. ދެ އިދާރާއިން ބަލާ ޗެކުކޮށްފައި ވަނިކޮށް އެފަދަ މައްސަލަ އެއް ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސައީދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ އެފަދަ ކުށެއް ގްރޭޑް އެކެއްގެ ފޮތުގައި އޮތްކަން ފާހަގަވީ ދަރިވަރަކަށް ކަމަށެވެ. އެ ދަރިވަރަށް ޑރ.ޝަހީމް ވަނީ ތައުރީފް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް