ނިއުޒިލޭންޑުގެ ސުޕަރމާކެޓެއްގައި އިސްލާމިކް ސްޓޭޓަށް ތާއީދު ކުރާ މީހަކު ނިރުބަވެރި ހަމަލާތަކެއް ދީ، 6 މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފިއެވެ.
ހުކުރު ދުވަހު ދިން ހަމަލާގައި، ވަޅި ހެރި މީހާ މިހާރު ވަނީ އަންޑަރ ކަވަރ ފުލުހުން ބަޑިޖަހާ މަރާލާފައެވެ.
މި ހަމަލާއާއި ގުޅިގެން ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އަރޑަން ވިދާޅުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ މި މީހާއަށް އޭނާ ޓެރެރިސްޓުންގެ ވޮޗު ލިސްޓުގައި ހިމެނޭކަން އިނގި ހުރެ މިފަދަ ހަމަލާއެއް ދޭން ކެރުނީތީ އެކަމަނާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. 2011 ވަނަ އަހަރު ނިއުޒިލޭންޑަށް ދިރިއުޅުން ބަދަލު ކޮށްފައިވާ މި މީހާ، ހުކުރު ދުވަހު އެ ޤައުމުގެ އޮކްލޭންޑުގައި ހުރި ޝޮޕިންގ މޯލަކަށް ވަދެ އެ މޯލުގައި ބަހައްޓާފައި ހުރި ވަޅިއެއް ނެގުމަށް ފަހު ވަޅި ޖަހަން ފެށީކަމަށް ވެސް ޖަސިންދަ ދެއްވި ބަސްދީގަތުމުގައި މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން މި ހާދިސާއާއި ވަކި ދީނަކާއި ނުވަތަ ސަޤާފަތަކާއި ނުވަތަ ޤައުމަކާއި ގުޅުވާ ނުލުމަށް ގޮވައިލައްވާ ޖަސިންދަ ވިދާޅުވީ، އޭނާ ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އޭނާ އެކަނި ކަމަށާއި، މި ހަމަލާ ކުށްވެރި ކުރާ ކަމަށެވެ.އަދި ހަމަލާ ދިން މީހާއަކީ އައިއެސްއަށް ތާއީދު ކުރާ ހަރުކަށި ފިކުރުގެ މީހެއްކަންވެސް ޖަސިންދަ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މި ނިރުބަވެރި ހަމަލާގައި އެއް މިނެޓު ތެރޭގައި 6 މީހަކު ޒަޙަމް ކޮށްލާފައި ވެއެވެ. މީގެ ތެރެއިން 3 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.އަދި މި މީހުންނަށް މިވަގުތުވެސް ފަރުވާ ދެމުން އަންނަނީ ކްރިޓިކަލް ސްޓޭޖުގައެވެ. މި ހަމަލާތަކާއި އެކު، އޭނާއަށް ފާރަލަމުން ގެންދިޔަ އޮފިސަރުން ވަނީ އޭނާގެ ގަޔަށް ބަޑި ޖަހާ އޭނާ މަރާލާފައެވެ.މި ހަމަލާގެ މަންޒަރުތަކުން ފެންނަ ގޮތުގައި އެ މޯލުގައި ވިޔަފާރި ކުރަން ތިބި ގިނަ ބަޔަކު ވަނީ ހަމަލާ ދޭން ފެށުމުން ބިރުން އެ މޯލު ދޫކޮށް ދިއުމަށް ދުއްވައި ގަނެފައެވެ.
މި ހާދިސާއާއިއެކު އަލުން ކްރައިސްޓްޗާރޗު މިސްކިތުގައި ދެވުނު ނިރުބަވެރި ހަމަލާގެ ހިތްދަތި ހަނދާންތައް ނިއުޒިލޭންޑު ރައްޔިތުންގެ މެދުގައި ވަނީ އާލާވެފައެވެ.2019 ވަނަ އަހަރުގެ މާރިޗު މަހު ވައިޓް ސުޕްރިމެސިސްޓެއް މުސްލިމުންނަށް އަމާޒުކޮށް ދިން މި ނިރުބަވެރި ހަމަލާގައި އެ މިސްކިތުގައި އަޅުކަން ކުރަން ތިބި 51 މުސްލިމުން ޝަހީދުވެ، 40 މީހަކު ވަނީ ޒަޚަމްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް