ރ. ރަސްމާދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ރަސްމާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި ރަސްމާދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ އެ ރަށުގެ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ރަށުގެ އިތުރުން އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު އައްޑޫ ސިޓީ ހުޅުމީދޫ އެވެ. މިމަހުގެ މިހާތަނަށް މޮނިޓަރިންގެ ހާލަތަށް ހަތަރު ރަށެއް ގެނެސްފައިވެ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
މިހާރު ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަތުގައި 23 ރަށެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް