ކޮރެއާ ހަނގުރާމައިގައި މަރުވި 109 ޗައިނާ ސިފައިންގެ ހަށިތައް އެނބުރި ޤައުމަށް ފޮނުވާލައިފިއެވެ.ކޮރެއާ ހަނގުރާމަ ކުރިއަށް ގޮސްފައި ވަނީ 1950 ވަނަ އަހަރާއި 1953 ވަނަ އަހަރާއި ދެމެދުގައެވެ.
ޗައިނާ ސިފައިންގެ ހަށިތަކުގެ ބާކީއާއި އެމީހުންނަށް ނިސްބަތްވާ ތަކެތި އެނބުރި ޗައިނާގެ ތާއޮޝިއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންގޮސްފައި ވަނީ ޗައިނާގެ އެއަރފޯސްގެ އުޅަނދެއްގައެވެ. މި އުޅަނދާއިއެކު 2 ފައިޓަރު ޖެޓުވެސް ބައިވެރިވެފައި ވެއެވެ.މިއީ މިގޮތަށް ހަށިތައް ރައްދު ކުރެވުނު ކުރެވުނު 8 ވަނަ ފަހަރެވެ. ޗައިނާއާއި ކޮރެއާއިން ވަނީ މިފަދަ ބަދަލު ކުރުންތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ.
މި ހަށިތަކުގެ ބާކީއާއި ޗައިނާގެ ސިފައިންގެ ތެރެއިން ކޮރެއާ ހަނގުރާމައިގައި ބައިވެރިވި ސިފައިންނަށް ނިސްބަތްވާ ތަކެތި ހޯދާފައި ވަނީ ދެކުނު ކޮރެއާގެ 6 ސަރަހައްދަކުންނެވެ.މި ތަކެތި ހޯދާފައި ވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ދެމެދުގައި ކަމަށް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.މިފަހަރު ޗައިނާ ސިފައިންނަށް ނިސްބަތްވާ 109 ހަށިތައް ހޯދާފައި ވާއިރު، ސިފައިންނަށް ނިސްބަތްވާ 1226 ސާމާނުވެސް ވަނީ ހޯދާފައެވެ.ވޭތުވެ ދިޔަ ހަފްތާގެ އަންގާރަ ދުވަހު ސިފައިންގެ ހަށިތައް އެނބުރި ޤައުމަށް ގެންދިއުން ފާހަގަ ކުރުމަށްޓަކައި އިންޗިއޮން އެއަރޕޯޓުގައި ވަނީ ޚާއްސަ އަސްކަރީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ޗައިނާއާއި ދެކުނު ކޮރެއާ ގުޅިގެން ފާއިތުވި އަހަރުތަކުގައި ގެންދަނީ 'ޗައިނާ ޕީޕަލްސް ވޮލެންޓިއަރސްގ'ެ ތެރެއިން ކޮރެއާ ހަނގުރާމައިގައި މަރުވި މީހުންގެ ހަށިތަކުގެ ބާކީ އަނބުރޭ ޗައިނާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.7އެގޮތުން، ފަހަރެއްގެ މަތިން މިހާތަނަށް ކޮރެއާ ހަނގުރާމައިގައި މަރުވި ޗައިނާގެ 716 ސިފައިންގެ ހަށިތަކުގެ ބާކީ އެނބުރި ޤައުމަށް ފޮނުވާފައި ވެއެވެ.
ދެ ކޮރެއާ ދެމެދު ކުރިއަށް ދިޔަ ކޮރެއާ ހަނގުރާމައިގައި ޗައިނާއިން ބައިވެރި ވެފައި ވަނީ 'ޗައިނީޒް ޕީޕަލްސް ވޮލެންޓިއަރޒް' (ސީޕީވީ)ގެ ނަމުގައެވެ.އަދި އެމެރިކާގެ ސިފައިން 38 ވަނަ ޕެރެލަލް ސަރަޙައްދު ހުރަސް ކުރުމުން ޗައިނާ ސިފައިން ވަނީ ޔާލޫ ކޯރު ހުރަސްކޮށް، ދިގު މުއްދަތެއް ވަންދެން މި ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެ އުތުރު ކޮރެއާއަށް ވާގިވެރި ވެފައެެެވެ.ކޮރެއާ ހަނގުރާމައިގައި ގިނަ އަދަދެއްގެ ސީޕީވީ މެންބަރުން ވަނީ މަރުވެފައެވެ.އަދި އެ މީހުންގެ ހަށިތަކުގެ ބާކީތައް ކޮރެއާގެ އެކި ސަރަޙައްދުތަކުން އަންނަނީ ފެންނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް