އިޓަލީގެ ޔުވެންޓަސްއިން މިފަހަރުގެ ހޫނު މޫސުމުގައި މެންޗެސްޓާރ ޔުނައިޓެޑާއި ގުޅުނު އެ ކުލަބުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައިސް އެންމެ ފުރަތަމަ ކުޅެން ޖަމަޖެހިފައިވަނީ މިމަހުގެ އެގާރަވަނަ ދުވަހު ނިއުކާސަލްއާއި ދެކޮޅަށް ކުޅޭ މެޗުތަކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން އެމެޗުގައި ރޮނާލްޑޯ ބޭނުންކުރާ އޭނާގެ ނަން ޖަހާފައިވާ ހަތް ނަމްބަރު ޖާޒީ މިހާރު ބާޒާރަށް ރެނެ ވިއްކަން ފަށާފައިވާއިރު، އެ މެޗުގެ ޓިކެޓް ވެސް ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ޓިކެޓް މިހާރުވެސް ވިކިފައިވާއިރު، ޓިކެޓެއްގެ އަގު އުޅެނީ 265 ޕައުންޑާއި 669 ޕައުންޑާއި ދެމެދުގައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޔުނައިޓެޑުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މި މެޗުގެ ޓިކެޓް ގަނެފައިވާއިރު، އޭގެ ތެރެއިން ބައެއް ސަޕޯޓަރުން މެޗު ޓިކެޓް ބްލެކް މާކެޓްގައި ނުއަގުގައި ވިއްކަމުން ދާކަމަށް ވެސް ޚަބަރުތައް ބުނެއެވެ. އެގޮތުން 265 ޕައުންޑަށް ގަންނަ ޓިކެޓް 2500 ޕައުންޑާއި 2600 ޕައުންޑާއި ދެމެދުގެ އަގުތަކަށް ވިއްކަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ޔުނައިޓެޑުގެ މެނޭޖްމަންޓުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި މަހުގެ އެގާރަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް އަދި ނިއުކާސަލް ބައްދަލު ކުރާ މެޗުގެ ޓިކެޓް ޔުނައިޓެޑުގެ ސަޕޯޓަރުން ގަނެ އެ ޓީކެޓްތައް ބްލެކް މާކެޓުގައި އަގު ބޮޑުކޮށް ވިއްކަމުން ގެންދާކަން ވަނީ އެނގިފައި ކަމަށާއި އެކަން ޔުނައިޓެޑުގެ މެނޭޖްމަންޓުން ކުއްވެރިކުރާ ކަމަށެވެ. އަދި މިފަދަ ކަންކަން ނުކުރުމަށްވެސް ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ކުލަބުގެ މެނޭޖްމަންޓުން ވަނީ ގޮވާލާފައެވެ.
" ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް މިމަހުގެ އެގާރަ ވަނަ ދުވަހު ނިއުކާސަލްއާއި ދެކޮޅަށް ކުޅެން ހަމަ ޖެހިފައި އޮތް މެޗުގެ ޓިކެޓް ބްލެކް މާކެޓްގައި ނުއަގުގައިި ވިއްކަމުން ދާކަން އޮތީ އެނގިފަ. މިއީ އެއްގޮތަކަށް ވެސް ކުލަބު ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން. މިފަދަ ކަންކަން ނުކުރުމަށް ކުލަބުގެ ސަޕޯޓަރުންނަށް ގޮވާލަން." ޔުނައިޓެޑުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕޯޗުގަލްގެ ގައުމީޓީމުން ރިލީޒް ދިނުމާއި އެކު ރޭގެ ވަގުތެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އެނބުރި އައިސްފައެވެ. އެގޮތުން ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރި ވުމުގެ ކުރިން ރޮނާލްޑޯ ފަސް ދުވަހަށް ކަރަންޓީން ވާން ޖެހެއެވެ. ކަރަންޓީނުގެ މުއްދަތައް ފަހު ރޮނާލްޑޯ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ރަސްމީކޮށް ބައިވެރިވާން ފަށާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް