2023ގައި ރިޔާސީ އިންތިޚާބެއް ބާއްވާނަމަ ބޭއްވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމަނައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ރައީސް އަބުދު ﷲ ޔާމިން މަނީ ލޯންޑަރިންގެ އަމަލު ހިންގެވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ބޮޑު އަދަދަކުން ޖޫރިމަނާކޮށް ފަސް އަހަރަށްޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެމައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އެމައްސަލަ ސްްޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް އަބުދުﷲ ޔާމިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ، ލޯންޑަރކުރިކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ރިސޯޓެއް ތަރައްގީކުރަން އާރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ރޭ ކާނިވާ ސަރަހައްދުދުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަދައްކަމުން ޖަމީލު ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ޔާމީން ހިމަނައިގެން ކަމަށާއި އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އަދުލުވެރިކަމާއެކު ހިނގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
"އެކަން ކަށަވަރު ކުރާނީ ތި ބޭފުޅުން. ރައީސް ޔާމީން ބަރީއަވެ ވަޑައިގަންނަވާނެ. ރައީސް ޔާމީންގެ މައްޗަށް މި ހުކުމް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތް. އަޅުގަނޑުމެންނަށް އެ މަންޒަރު ފެނިއްޖެ" ޖަމީލު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، ރާއްޖޭގައި ދެން ވެސް ހެޔޮވެރިކަމެއް ކުރައްވަން ވަޑައިގަންނަވާނީ ޔާމީން ކަމަށެވެ. އަދި އެކަމުގައި ޝައްކެއް ނެތް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް