ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އަލީ ރަޝީދު ޕީޕީއެމްގެ ވެރިކަމުގައި އޮންނާނީ ޖަލުގައި ކަމަށް ވިދާޅުވެ އިންޒާރު ދީފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ރައީސް އަބުދު ﷲ ޔާމިން މަނީ ލޯންޑަރިންގެ އަމަލު ހިންގެވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ބޮޑު އަދަދަކުން ޖޫރިމަނާކޮށް ފަސް އަހަރަށްޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެމައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އެމައްސަލަ ސްްޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް އަބުދުﷲ ޔާމިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ، ލޯންޑަރކުރިކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ރިސޯޓެއް ތަރައްގީކުރަން އާރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އިދިކޮޅު ޕާޓީތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި "އައްޑަނަ" ޖަލްސާގައި ވާހަކަފުޅު ދައްވަކަމުން މާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ދެން އަންނަ ރިޔާސީ ދައުރެއްގައި ވެރިކަމާއި ހަވާލުވުމަށް ފަހު އަލީ ރަޝީދު ޖަލަށް ލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގައި އަލީ ރަޝީދެއް ނީންނާނެ ސުޕްރީމް ކޯޓަކު. އޭނާ އޮންނާނީ ޖަލުގައި." ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަންނަނީ އެނބުރި ވެރިކަމަށް." ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ގެންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި 5 ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒް ރަޝާދާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ތިން އޯޑިއޯއެއް ވަނީ ލީކުވެފައެވެ. އެ އޯޑިއޯތަކުގައި ދައްކާ ވާހަކަތަކުން ދޭހަވާ ގޮތުގައި ސަރުކާރުގެ އިސްވެރިން ވަރަނީ ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައެވެ.
އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ޖޭއެސްސީ އިން ވަނީހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް