ރައީސް މައުމޫނަށް ތާއީދުކުރާކަން ހާމަކޮށް އިތުރު ގޮފިތަކަކުން ބަޔާން ނެރެފި

ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭފަދަ އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ ބިލާ ދެކޮޅަށް މަސައްކަތް ކޮށްދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ކިބައިން އެދި އެ ޕާޓީގެ އ...

04 Sep 2015 | 17:27

ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭފަދަ އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ ބިލާ ދެކޮޅަށް މަސައްކަތް ކޮށްދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ކިބައިން އެދި އެ ޕާޓީގެ އިތުރު ބައެއް ގޮފިތަކުން މިއަދުވެސް ބަޔާން ނެރެފި އެވެ.

އެގޮތުން މިއަދު ތިން ގޮތްޕަކުން ބަޔާން ނެރެފައިވާއިރު އެ ޕާޓީގެ އިސްކަންދަރުގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިހާރު ހިތަށް އަންނަނީ ޑީއާރުޕީން މައުމޫން ވަކިވެވަޑައިގަތުމުން އެ ޕާޓީއަށް ވެގެންދިޔަ ގޮތް ކަމަށާއި ހުށަހެޅިގެން މިއުޅޭ އިސްލާހަކީ ޑީއާރުޕީއަށް ޖެހުނު ހާލު ޕީޕީއެމް އަށް ޖެއްސުމަށް އަދާވާތްތެރިން ރާވައިގެން އުޅޭ މަޅިއެއް ކަމަށެވެ. އެހެންކަމުން މި ބިލާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޕާލަމެންޓަރީ ގްރޫޕް އަށް ގޮވާލާ ކަމަށް އެ ގޮފީގެ ބަޔާނުގައި ވެ އެވެ.

ޕީޕީއެމްގެ ހަންހާރަ ގޮފިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް އުފެއްދެވީވެސް އެ ރައީސް މައުމޫން ކަމަށާއި ޕާޓީ އުފައްދަން ގަސްތު ކުރައްވައި އިއުލާނުކުރިތާ 24 ގަޑިއިރުގެ ތެރޭގައި 3000 އަށްވުރެ ގިނަ މެމްބަރުން ސޮއިކުރިކަން އަދި ހަނދާނެއް ނުނެތޭ ކަމަށެވެ. އަދި  ޕާޓީ އުފެދުނުފަހުން ބޭއްވި އިންތިހާބުތަކުގައި   ހޯދި ކާމިޔާބީތައްވެސް ހަނދާން ނައްތައެއް ނުލެވޭނެ ކަމަށާއި އެ ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ރައީސް މައުމޫންގެ ޒައާމަތް ކަމަށް އެ ގޮފީގެ ބަޔާނުގައި ވެ އެވެ.

އަސުރުމާ ގޮފީގެ ބަޔާނުގައި ބުނެފައިވަނީ އެ އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ ސަރުކާރާއި ޕާޓީއަށް އޮތް ތާއީދު އިތުރުވެ މައުމޫނަށް އިތުބާރުކޮށް އެތައް ރައްޔިތުންނެއް ޕާޓީއަށް ގުޅި އިދިކޮޅު ފަރާތްތައް ބަލިކަށިވަމުންދާދިޔުން ފޮރުވައި ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުން ކަމަށެވެ. އަދި މި އިސްލާހާ ދެކޮޅަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވުމަށް ޕާލަމެންޓަރީ ގްރޫޕްގެ ކިބައިން އިހުލާސްތެރިކަމާއެކު އެދޭ ކަމަށް އެ ގޮފީގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް